03 Feb 2020, 12:06
މި ފެށޭ އަހަރުގައިވެސް ރައްޔިތުންގެ މަޖިލިސް ދެމިއޮންނާނީ މި ސަރުކާރަށް ވާގިވެރިވެ، ފާރުވެރިވުމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާ މިއަދު ވަނީ ބާއްވާފައެވެ. އެ ޖަލްސާގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވަނީ ރިޔާސީ ބަޔާން އިއްވަވާފައެވެ.
ރައީސް ސޯލިހްގެ ރިޔާސީ ބަޔާނަށް ފަހު އެ ބަޔާނަށް ތައުރީފް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ސަރުކާރުން ކުރާ ކަންތައްތަކުގައި މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި އެއާއެކު ސަރުކާރު ޖަބާވުދާރީ ކުރުމުގައިވެސް މަޖިލިސް ފާރަވެރިވެ ދެމިއޮންނާނެ ކަމަަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް ޔަގީންކޮށް މި އަރުވަނީ، ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ލާބަޔާއި ތަރައްގީއަށް ކުރައްވާ އެންމެހާ ކަންކަމުގައި ފަސް ޖެހުމެެއް ނެތި ރައްޔިތުުންގެ މަޖިލީހުގެ އެއްބާރުލުން ދިވެހި ސަރުކާރަށް ލިބިވަޑައިގަންނަވާނެ. ހަމައެއާއެކު ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ގޮތުގައި އޮވެ، ސަރުކާރުން ކުރާ ކަންތައްތަކުގައި ފާރަވެރިވެ، ސަރުކާރުން ޖަބާވުދާރީ ކުރުމުގެ މުހިންމު މަސްއޫލިއްޔަތު ބޮޑު ޒިންމާ، ގާނޫނުއަސާސީން ވަނީ މި މަޖިލީހާ މަތިކޮށްފައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު: މަޖިލިސް ދެމިއޮންނާނީ ސަރުކާރަށް ވާގިވެރިވެ، ފާރަވެރިވިވުމުގައި ކަމަށް ވިދާޅުވި -- ފޮޓޯ/ މަޖިލިސް
އެމްޑީޕީ އަކީ ރައީސް ސޯލިހުވެސް ނިސްބަތްވާ ޕާޓީ ކަމަށާއި މަޖިލީހުގެ 75 ޕަސަންޓު މެމްބަރުންނަކީވެސް އެ ޕާޓީގެ މެންބަރުން ކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ މެމްބަރުންނަކީ ހަމަ ރައީސް ސޯލިހްގެ މެމްބަރުން ކަމަށެވެ. އަދި މަޖިލީހުން ސަރުކާރު ޖަބާވުދާރީ ކުރުވާން ވާނެ ކަމާއި ވަރަށް ފުރިހަމަށް އެ ޒިންމާ އަދާ ކުރާ ކަމަށް ރައީސް ސޯލިހް އަބަދުވެސް ވިދާޅުވާތީ އެކަން އުފަލާއެކު ފާހަގަ ކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އެހެން ކަމުން މި ފެށޭ އަހަރުގައިވެސް މި މަޖިލީހުގެ މަސައްކަތްތައް ބައްޓަން ވެގެން ދާނީ، ގާނޫނުއަސާސީގެ ބާރާއި ހުރުމަތް، ރައްކާތެރިކުރުމަށްޓަކައި، އަދި ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ސަރުކާރަށް ވާގިވެރިވަމުން، ސަރުކާރު ޖަވާބުދާރީކުރުވަމުން. އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސަރުކާރަށް އެހީތެރިވުމަށާއި އެ ސިޔާސަތުތައް ތަންފީޒުވަމުންދާއިރު ވާގިވެރިކަމާއެކު ފާރަވެރިވުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު ބޭއްވި މަޖިލިސް ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރައީސްގެ ރިޔާސީ ބަޔާނަށް މަޖިލީހުން ޖަވާބުދޭން ޖެހޭނީ މަޖިލީހުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީން ކަމަށެވެ. އަދި އެކަން ކުރަން ޖެހޭނީ މަޖިލީހުގެ ޖަލްސާއެއްގައި، ރިޔާސީ ބަޔާން އިއްވާތާ 14 ދުވަހުގެ ތެރޭގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މަޖިލީހުގެ ޕާޓީތަށް ތަމްސީލު ކުރާ އަދަދުތައް ވިދާޅުވެދެއްވަމުން ނަޝީދު ވިދާޅުވީ، މަޖިލީހުގެ ގަވައިދުގައި އޮންނަ ގޮތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަންޖެހޭނީ މަޖިލީހުގެ އިދިކޮޅު ލީޑަރު ކަމަށެވެ.
"އަޅުގަނޑު މި ދަންނަވާ ވާހަކައަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސި ބަޔާނަށް ޖަވާބު ދިނުން އޮންނަނީ އޮޕޮޒިޝަން [އިދިކޮޅު] ލީޑަރަށް. އެހެންވެ އެޔެއް އެބަ އޮޅުންފިލުވަންޖެހޭ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ރިޔާސީ ބަޔާނަށް އަރުވާ ޖަވާބު މަނިކުފާނަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިކަމެއް އޮޅުންފިލީމަ އަޅުގަނޑުމެން ފޮނުވާނަން،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
މިއަދު ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވަމުން ގެންދެވި އިރު، އިދިކޮޅު ޕީޕީއެމް-ޕީއެންސީ އިން ދިޔައީ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ޖަލަަށް ހުކުމްކޮށްފައިވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަން ކުރުމަށް ގޮވާލާ ރައީސް ސޯލިހް ކުރިފުޅުމަތީ އިހްތިޖާޖު ކުރަމުންނެވެ.