ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި އަންހެނަކާ ދެ ފިރިހެނަކު ގއ. ވިލިގިނލިން ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ 18 ދަށުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް އެ ކުއްޖާއަށް ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމަތަށް އެމީހުން ހައްޔަރު ކުރީ މިދިއަ ހުކުރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ.

"ފުރަތަމަ އެކަކު ގެނެސް މައުލޫމާތު ސާފު ކުރަނިކޮށް އެނގުނީ އެކަމުގައި އިތުރު ބަޔަކު ވާކަން،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ނަމަވެސް ހައްޔަރު ކުރި މީހުންނަކީ އެ ކުއްޖާ އާ އާއިލީ ގޮތުން ގުޅުމެއް އޮތް ބައެއް ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ނުބުނެ އެވެ. އަދި އެއީ ކިހާ އުމުރެއްގެ ކުއްޖެއް ކަމެއް ވެސް ފުލުހުން ހާމަ އެއް ނުކުރެއެވެ.

ވިލިނގިލިން ވާހަކަ ދެއްކި މީހަކު ބުނީ އެ ކުއްޖާ އަށް ޖިންސީ އަނިޔާ ކުރުމުގެ އިތުރުން ޖިސްމާނީ ގޮތުން ވެސް ތަކުރާރުކޮށް އަނިޔާ ކުރަމުންދާ ކަމަށެވެ.