14:30


މާލިއްޔަތާ ބެހޭ ގާނޫނުން މާލޭ ހެލްތު ކޯޕަރޭޝަން ލިމިޓެޑް، އިސްތިސްނާވާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ލަފާ ދީފައިވާ ކަމަށް މާލޭ ހެލްތު ކޯޕަރޭޝަނުން ބުނެފި އެވެ.


މާލޭ ހެލްތު ސާރވިސަސް ކޯޕަރޭޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ކޯޕަރޭޝަންގެ އެއް ސާރވިސް ސެންޓަރު ކަމުގައިވާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސް އާއި ސްޕެއާ ޕާޓްސް ގަތުމުގެ މަސައްކަތް ކުރިއަށްދަނީ ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްގެން މާލިއްޔަތުގެ ގާނޫނާ ޚިލާފްނުވާނެ ގޮތަށް ކަމަށެވެ.


މިދިޔަ އަހަރު އައިޖީއެމްއެޗް ހޮސްޕިޓަލަށް ހޯދަން ބޭނުންވި މެޑިކަލް ކޮންސިއުމަބަލް ހޯދުމަށް އޮންނަ އުސޫލުން ހޯދުމަށް ދަތިވެ، އަދި މެޑިކަލް ކޮންސިއުމަބަލްސް ސަޕްލައި ހޮސްޕިޓަލުން ހުސްވެދާނެތޫ އެތަކެތި ޑިސްޓްރިބިއުޓަރސް އަތުން ހޯދާފައިވަނީ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އެ ކޯޕަރޭޝަންގެ ބަޔާނުގައިވެ އެވެ.


ހެލްތު ކޯޕަރޭޝަނަށް ބޭނުންވާ ތަކެތި ހޯދުމުގެ ގޮތުން މެއި މަހުން ފެށިގެން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އިއުލާންކޮށްގެން ލޯކަލް ޑިސްޓްރިބިޔުޓުންނާއި އެގްރިމެންޓް ކޮށްގެން އެމަސައްކަތް ކުރިއަށްދާ ކަމަށް ވެސް އެ ކޯޕަރެޝަނުން ބުނެ އެވެ.  


ސައްތައިންސައްތަ ސަރުކާރުގެ ހިއްސާ އެކުލެވިފައިވާ ކުންފުނިން ބުނީ މާލިއްޔަތާ ބެހޭ ގާނޫނުން އެ ކޯޕަރޭޝަން އިސްތިސްނާ ވާ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް އެޓާރނީޖެނެރަލް އޮފީހުން ލަފާއަރުއްވާފައިވާ ކަމަށެވެ. މިކަމާ ގުޅިގެން އެޓާނީ ޖެނެރަލްގެ ބަހެއް ވެސް އަދި އެ ކޯޕަރޭޝަންގެ ބަހެއްވެސް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.