03 Feb 2020, 13:14
ސަރުކާރު ދެމި އޮންނާނީ، ރައްޔިތުން އިންތިހާބުކުރި ސަރުކާރުގެ ހުރިހާ ބައިވެރިންނާ އެކުގައި ކަމުގެ ޔަގީންކަން އަރުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރު ވެރިކަމަށް އައީ، އެމްޑީޕީގެ އިތުރަށް ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް ހިމެނޭ ގޮތުންނެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވ،ީ އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރިޔާސީ އިންތިހާބުގެ ތެރޭގައި ވެފައިވާ ވައުދުތައް ރައްޔިތުންނަށް ފުއްދައިދިނުމަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރަކީ، ދިވެހި ހުރިހާ ރައްޔިތުންނަށް ހިދުމަތްކުރަން އޮތް ސަރުކާރެކެވެ. ގޮންޖެހުންތަކާ އެކުވެސް، ވައުދުތައް ފުއްދަން ކުރަމުންދާ މަސައްކަތާ އެކު، ރާއްޖެއިން ހެޔޮ ބަދަލު ފެންނަމުންދާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުން މި ސަރުކާރަށް ދެއްވި ސާފު އަގުލަބިއްޔަތާއެކު، ދިވެހި ރައްޔިތުންނަށް އަޅުގަނޑު ވީ ވައުދުތައް ފުއްދައިދިނުމަށް މި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވި، މާތްﷲގެ ހެޔޮ ރަހުމަތްފުޅާއެކު އެކަމުގެ ނަތީޖާ ފެންނަމުންދާކަން އެއީ، މިއަދު އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އެއް އުފާ. އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމުގައި، ރައްޔިތުން އިންތިހާބުކުރި ސަރުކާރުގެ އެންމެން، އެކުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ލޮބުވެތި ރައްޔިތުންނަށް އަރުވަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ "ޖަޒީރާ ރާއްޖެ" ހަގީގަތަކަށް ހެދޭނީ، އަބަދުވެސް ގައުމީ މަސްލަހަތަށް އިސްކަންދީގެން ކަމަށެވެ. އަދި މިއީ، ރައްޔިތުން އެމަނިކުފާނާ ހަވާލުކޮށްފައިވާ އަމާނާތް އަދާކުރުމުގައި، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ދަމަހައްޓާ އުސޫލު ކަމަށް ވެސް ވިދާޅުވި އެވެ.
"ވޭތުވެދިޔަ އަހަރުގެ ތެރޭގައި ދިވެހި ގައުމަށް ކުރިމަތިވި ގޮންޖެހުންތަކާ އެކުގައިވެސް، ސަރުކާރުން ނިންމި ކޮންމެ ނިންމުމެއް ނިންމާފައިވާނީ، އަދި ކުރިއަށް އެޅި ކޮންމެ ފިޔަވަޅެއް އަޅާފައިވާނީ، ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތަށް އިސްކަންދީގެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް މިހާރު ކުރެވޭނެ އެންމެ އުފާވެރި އިހުސާސަކީ، ހަމަޖެހުމާއި ސުލްހަވެރިކަން އަލުން އަނބުރާ ރާއްޖެއަށް އަންނަން ފެށުން ކަމަށެވެ. އަދި ނިމިގެން ދިޔަ އަހަރަކީ، އެންމެން އެކުގައި ފެށި ޑިމޮކްރެސީގެ ދަތުރުގައި ކާމިޔާބު އަހަރެއް ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
އަދި ވިދާޅުވީ ރައްޔިތުން އެދުނު ގޮތަށް ދައުލަތް ހިންގުމުގެ ނިޒާމު ސީދާކުރުމުގައި، ސަރުކާރަށާއި ހުދު އެމަނިކުފާނަށް ލިބުނު އެންމެ މުހިންމު ބައިވެރިއަކީ، ރައްޔިތުންގެ މަޖިލިސް ކަމަށެވެ.
"ހެޔޮ ވެރިކަމަކަށް މަގު ކޮށުމަށްޓަކައި، ދުސްތޫރީ އަދި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހުނު ބަދަލުތައް، މި މަޖިލީހުގެ ތެރެއިން ގެނެވުމަކީ، އަޅުގަނޑުމެން މިއަދު މި ދެކޭ އިޖްތިމާއީ ސުލްހަވެރިކަމުގެ ހަގީގީ ސިއްރު،" ރައީސް ސޯލިހު ވިދާޅުވި އެވެ. "މިދިޔަ އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި 49 ބިލުގެ ތެރެއިން، 19 ވަނަ ރައްޔިތުންގެ މަޖިލީހުން މިހާތަނަށް ވަނީ، 27 ބިލެއް ފާސްކޮށްދެއްވާފައި. އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސް، ރައީސް މުހައްމަދު ނަޝީދަށާއި، މަޖިލީހުގެ އިއްޒަތްތެރި ނައިބު ރައީސް އީވާ އަބްދުﷲ އަށް އަދި އިއްޒަތްތެރި ހުރިހާ މެމްބަރުންނަށް އަޅުގަނޑުގެ ހިތުގެ އިހްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން،"
މި ވެރިކަމުގައި ފެނިގެން މިދަނީ، ދައުލަތުގެ ތިން ބާރު މިނިވަންކަމާއެކު މަސައްކަތްކޮށް، އެއް ބާރުން އަނެއް ބާރަށް އެހީތެރިވެ، ފާރަވެރިވުމާއި ޒިންމާދާރުކުރުވުމުގެ ވަރަށް ރީތި މިސާލެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ޑިމޮކްރެސީގެ މި އުސޫލުތައް ނެގެހެއްޓުމުން، އެކަމުގެ ހުރިހާ ލާބަޔަކާއި މަންފާއެއް ލިބޭނީ އާންމު ރައްޔިތުންނަށެވެ.
"ދައުލަތުގެ ކޮންމެ ބާރެއްވެސް، ދުސްތޫރީ އިމުގެ ތެރޭގައި، އެބައެއްގެ މަސައްކަތަށް އެބަޔަކު ސަމާލުކަން ދޭނަމަ، ރައްޔިތުންނަށް ލިބޭ ލާބަޔާއި މަންފާ މިހާރަށް ވުރެ އަދި މާ އިތުރުވާނެ،" ރައީސް ވިދާޅުވި އެވެ.
އިގްތިސާދީ ކަންކަމަށް އަލިއަޅުއްވާލައްވަނުން ރައީސް ވިދާޅުވީ، ބަޖެޓަކީ ރެކޯޑް މިންވަރަކަށް ބޮޑު ބަޖެޓެއް ކަމަށާއި އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާ ބަޖެޓަކީ ވެސް، ބޮޑު ބަޖެޓަކަށް ވާނެ ކަމަށެވެ. ސަބަބަކަށް ވަނީ، މިއަހަރާއި އަންނަ އަހަރަކީ، ތަރައްގީގެ ވައުދުތައް ފުއްދުމުގެ އަމަލީ މަސައްކަތް ފަށަން ރާވާފައިވާ ދެ އަހަރަށްވުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެއަށް ފަހު އަޅުގަނޑުމެން އަމާޒު ހިފާނީ، ދަރަނި ކުޑަ ބަޖެޓަކަށް. މިއީ ރަނގަޅު ރޭވުމެއްގެ މަތިން، އަމާޒެއް އޮވެގެން ކުރަމުން އަންނަ މަސައްކަތެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.
މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ސަރުކާރުން މަސައްކަތް ކުރާކަން ފާހަގަ ކުރައްވާ، ރައީސް ސޯލިހު ވިދާޅުވީ މދިިޔަ އަހަރުގެ ތެރޭގައި 301 ވިޔަފާރިއަކަށް 355 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
ތިމާވެށީގެ ރޮގުން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ސަރުކާރުން ފިޔަވަޅު އަޅައި ރަށްތައް ހިމާޔަތް ކުރަން ޖެހޭ ކަމަށާއި އެކަމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އަދި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަން އިއާދަކުރަނުވި ހަކަތަ ރާއްޖޭގައި އިތުރު ކުރަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި އެވެ.
އެގޮތުން، މިދިޔަ އަހަރުގެ ތެރޭގައި، އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދޭ މިންވަރު، 21.5 މެގަވޮޓަށް އިތުރުކޮށްފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 7.5 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މީގެ އިތުރު އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންނުކުރާ ގައުމަކަށް ހެދުމަށް މަގުޗާޓެއް އެކުލަވާލާ އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާކަން ވެސް ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން ޖަލުތަކުގައި ގައިދީންނަށް ކަންކަން ރަނގަޅުކޮށް ޖަލުތަކުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި ޑްރަގް ރިހިބިލޭޓަޝަނަށް ބޭނުންވާ ކުދިންނަށް ފަރުވާދެވޭނެ އިތުރު މަރުކަޒެއް ހެދުމުގެ މަސައްކަތް ކުރައްވާކަން ވެސް ރައީސް ހާމަކުރެއްވި އެވެ.