03 Feb 2020, 11:10
ރާއްޖޭގެ ގައުމީ ޓީމަކަށް މަދުވެގެން ފަސް އަހަރު ކުޅެ، ރިޓަޔާ ކޮށްފައިވާ ފަރާތްތަކަށް މިއަހަރުގެ ތެރޭގައި ލޯނު ސްކީމެއް ތައާރަފުކުރުމަށް މަސައްކަތްކުރައްވާކަން އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިިއުލާން ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރަށް ހުޅުވުމުގެ ގޮތުން، މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ އެ ލޯން ސްކީމު ތައާރަފް ކުރަނީ، ގައުމީ ކުޅުންތެރިން ރިޓަޔަރުކުުރުމަށް ފަހު، އެ ފަރާތްތަކަށް ދިރިއުޅުމަށް އެހެން މަސައްކަތެއް ފެށުމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.
މީގެ އިތުރުން ވެސް، ތަފާތު އާ އިނާޔަތްތައް ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ތައާރަފުުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން ގައުމީ ޓީމްތަކުގެ ކުޅުންތެރިންނަށް ލިބޭ އަނިޔާއަށް ބޭސްފަރުވާ ކުރެވޭނެ ހާއްސަ އިންޝްއަރެންސް ޕެކޭޖެއް ތައާރަފް ކުރުމުގެ ވިސްނުން ވެސް ރައީސް މިއަދު ހާމަކުރެއްވި އެވެ.
"ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދިމާވާ ކުޅިވަރުގެ އަނިޔާތަކަށް ފަރުވާދެވޭނެ އިންޝުއަރެންސް ސްކީމެއް ތައާރަފްކޮށް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ހިދުމަތް ލިބެން ފަށާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، ދިވެހި ކުޅުންތެރިން ބައިނަލްއަގުވާމީ ފެންވަރުގައި ތަމްރީނުކޮށް ކުޅުންތެރިން ބިނާކުރުމުގެ ގޮތުން އިތުރު މަސައްކަތްތައް ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ކުޅިވަރުގެ ހުނަރު ހޯދޭނެ ގޮތަކާއި ރާއްޖޭން ބޭރުން ކިޔެވުމުގެ ފުރުސަތު ކުޅުންތެރިންނަށް ހޯދައިދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ މިދިޔަ އަހަރު ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތައް ލިބިފައިވާކަމަށް ފާހަގަކުރައްވާފަ އެވެ.
"މިދިޔަ އަހަރަކީ ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި ވަރަށް ކާމިޔާބު އަހަރެއް. ދިވެހި އެތުލީޓުން މިދިޔަ އަހަރު ވާދަކުރި ބައިނަލްއަގުވާމީ މުބާރާތްތަކުން، 13 ރަން މެޑެއްޔާއެކު، ޖުމްލަ 46 މެޑަލް ރާއްޖެއަށް ލިބުނު. އަދި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން، މިދިޔަ އަހަރު ރާއްޖެއަށް ލިބުނު ރަން މެޑެއްޔަކީ، އެ ކުޅިވަރު މުބާރާތުގެ ތާރީހުގައިވެސް ރާއްޖެއަށް ލިބުނު ފުރަތަމަ މެޑެލް،" އެމަނިކުފާނު ވިދާޅުވި އެވެ.