މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް 56 ބިލެއް ފޮނުވަން ގަސްދުކުރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު ސަރުކާރުގެ ފަރާތުން ވަނީ މަޖިލީހަށް 49 ބިލެއް ފޮނުވައިފަ އެވެ. އޭގެ ތެރެއިން 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ 27 ބިލެއް ފާސްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ މި އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި ސަރުކާރުން 56 ބިލެއް މަޖިލީހަށް ފޮނުވަން ގަސްދުކުރައްވާ ކަމަށެވެ.

އެއީ މިހާރު އަމަލުކުރަމުން އަންނަ ބައެއް ގާނޫނުތައް އިސްލާހުކުރުމަށް ހުށަހަޅާ 32 ބިލަކާއި، މުޅިން އަލަށް އުފައްދާ ގާނޫނުތަކާ ބެހޭ 24 ބިލު ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ބިލްތައް ފާސްކުރުމުގައިވެސް، މި އިއްޒަތްތެރި މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން އަޅުގަނޑަށް ޔަގީން،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުން ދެއްކި މިސްރާބަށް، ދައުލަތް ހިންގުމުގެ ނިޒާމު ސީދާކުރުމުގައި، ސަރުކާރަށާއި އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެންމެ މުހިންމު ބައިވެރިއަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ.

އެގޮތުން ހެޔޮ ވެރިކަމަކަށް މަގު ކޮށުމަށްޓަކައި، ދުސްތޫރީ އަދި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހުނު ބަދަލުތައް މަޖިލީހުގެ ތެރެއިން ގެނެވުމަކީ، ރާއްޖެ މިއަދު ދެކެމުން އަންނަ އިޖްތިމާއީ ސުލްހަވެރިކަމުގެ ހަގީގީ ސިއްރު ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރަށް މިވީ އަހަރެއްހާ ދުވަހާއި، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މިވީ އަށެއްކަ މަސް ދުވަހުގެ ތެރޭގައި، ރައްޔިތުންނަށް ފެނިގެން ދިޔައީ، ދައުލަތުގެ ތިން ބާރު މިނިވަންކަމާއެކު މަސައްކަތްކޮށް، އެއް ބާރުން އަނެއް ބާރަށް އެހީތެރިވެ، ފާރަވެރިވުމާއި ޒިންމާދާރުކުރުވުމުގެ ވަރަށް ރީތި މިސާލެއް ކަމަށެވެ.

"ޑިމޮކްރެސީގެ މި އުސޫލުތައް ނެގެހެއްޓުމުން، އެކަމުގެ ހުރިހާ ލާބަޔަކާއި މަންފާއެއް ލިބޭނީ އާންމު ރައްޔިތުންނަށް. ދައުލަތުގެ ކޮންމެ ބާރެއްވެސް، ދުސްތޫރީ އިމުގެ ތެރޭގައި، އެބައެއްގެ މަސައްކަތަށް އެބަޔަކު ސަމާލުކަން ދޭނަމަ، ރައްޔިތުންނަށް ލިބޭ ލާބަޔާއި މަންފާ މިހާރަށް ވުރެ އަދި މާ އިތުރުވާނެ،" ރައީސް ވިދާޅުވި އެވެ.