ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން އެކަހެރިކުރި ތިން މީހުންވެސް، އެ ބައްޔަށް ނެގެޓިވް ވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދާދި ދެންމެއަކު އިއުލާންކުރައްވައިފިއެވެ.

ރައީސް އެކަން އިއުލާނުކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް ވިދާޅުވީ ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓު ހަދަން ބޭރަށް ސާމްޕަލް ފޮނުވި ތިން ދިވެހިންގެ ޓެސްޓު ނަތީޖާ ރޭގެ ވަގުތެއްގައި ލިބިފައިވާ ކަމަށެވެ.

"މާތް ﷲގެ ހެޔޮ ރަހުމަތްފުޅުން އޭގެ ތެރެއިން އެކަކުވެސް ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައެއް ނުވޭ. މި ނުރައްކާތެރި ވަބާއިން ހުރިހާ ދިވެހިން މިންޖުކުރެއްވުން އެދި ﷲގެ ހަޟްރަތުގައި އަޅުގަނޑު ދުއާކުރަން،" ރައީށް ވިދާޅުވިއެވެ.

ރާއްޖެއިން ބައްޔަށް ޝައްކު ކުރެވުނު ތިން މީހުން ވެސް އެކަހެރި ކުރީ ކ. ފުނަދޫގައެވެ. އެ ތިން މީހުން އެކަހެރި ކުރި އިރު އެ ތިން މީހުންގެ ފަރާތުން ފެންނަ ހުރި އަލާމާތްތައް ފަހުން ނުފެންނަކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް ހެލްތު މިނިސްޓްރީން ވަނީ ކުރިން ބުނެފައެވެ.

ރައީސް ވިދާޅުވީ ކޮރޯނާ ވައިރަހުގެ ނުރައްކާތެރި ހިޔަނި މުޅި ދުނިޔެއަށް އެޅެމުން އަންނަ ކަމަށާއި، ރާއްޖެއަށްވެސް އެ ނުރައްކާ އެބައޮތް ކަމަށެވެ.

އެހެންކަމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފަޔާ އެއްގޮތަށް ސަރުކާރުގެ ހުރިހާ އިދާރާތަކުން އެކުގައި މަސައްކަތްކުރަމުން އަންނަނީ ދިވެހި ރައްޔިތުން އެ ބަލިން ރައްކާތެރި ކުރުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ކޮރޯނާ ވައިރަހަކީ އިގްތިސޯދީ ގޮތުންވެސް ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. ވައިގެ މަގުން ކުރެވޭ ބައިނަލްއަގުވާމީ ބައެއް ދަތުރުތައް މެދުކަނޑާލީ އޭގެ ސަބަބުން ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުން އެނގި ތިބެ ކަމަށާއި ނަމަވެސް އެ ފިޔަވަޅު އެޅީ ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ވާތީ ކަމަށެވެ.

ރައީސް ވިދާޅުވީ އެ ނުރައްކާތެރި ވަބާއިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުން އަންނަ ކަމަށެވެ.