04 Dec 2011, 15:35
ނިއުދިއްލީން: މުހައްމަދު ޝާން
ގްރޫޕް އޭ ގެ ފުރަތަމަ މޮޅު ލިބުނަސް، އަފްްގާނިސްތާންގެ މެޗަށް ނުކުންނާނީ އުންމީދާއެކު ލިބުނު ކާމިޔާބީ ތަކުރާރު ކުރަން ކަމަށް ސްރީލަންކާގެ ކޯޗް ރޯހާނާ ބުނެފިއެވެ.
އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ ނެހެރޫ ސްޓޭޑިޔަމްގައި އިއްޔެ ބޫޓާނާ ދެކޮޅަށް ކުޅެ 3-0 ލަނޑުން ސްރީލަންކާ މޮޅުވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗް ރޯހާނާ ބުނީ، މުބާރާތުގެ ފުރަތަމަ މޮޅު ލަންކާއަށް ލިބުމުން އުފާވާ ކަމަށާއި ނަމަވެސް ދެ ވަނަ މެޗުން ވެސް މޮޅުވުމަކީ މިފަހަރުގެ މުބާރާތުން ލަންކާއަށް ލިބިގެންދާނެ ބޮޑު ހިތް ވަރެއް ކަަމަށެވެ. އަދި މުބާރާތުގެ ދެ ވަނަ މެޗުގައި މާދަމާ އަފްްގާނިސްތާނާ ދެކޮޅަށް ނުކުންނައިރު ޓީމުގައި އަނިޔާގެ މައްސަލައެއް ނެތުމަކީ ވެސް ލިބޭ ބޮޑު ހިތް ވަރެއް ކަމަށް ކޯޗް ރޯހާނާ ބުންޏެވެ.
"އަހަރުމެން ވަރަށް ހިތްވަރު ކުރާނަން. ދެ ވަނަ މޮޅު ހޯދަން ޓީމް އޮތީ ވަރަށް ފިޓްކޮށް. މުބާރާތުގެ ފުރަތަމަ މޮޅު ލިބުމުން ވެސް އަހެރެން މިތިބީ ވަރަށް ހިތްހަމަ ޖެހިފަ." ލަންކާގެ ކޯޗް ރޯހާނާ ބުންޏެވެ.
އިއްޔެގެ މެޗުގައި ލަންކާއަށް ގޯލް ޖަހައިދިން ކުޅުންތެރިންނަކީ މުހައްމަދު ޒައިން އާއި ބަންޑާރަ އެވެ. އެގޮތުން ޒައިން ވަނީ މެޗްގައި ދެލަނޑު ލަންކާއަށް ކާމިޔާބު ކޮށްދީފައެވެ.
މުބާރާތުގެ ދެ ވަނަ މެޗުގައި މާދަމާ ލަންކާ އަފްގާނިސްތާނާ ދެކޮޅަށް ނިކުންނައިރު، މިމެޗް ކުޅުމަށް ހަަޖެހިފައި ވަނީ ރާއްޖެ ގަޑިން މާދަމާ މެންދުރު 2:30 ގައެވެ.
ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް ލަންކާ ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، އެޓީމަށް އެންމެ ދުރަށް ދެވިފައިވަނީ ސެމީފައިނަލާ ހިސާބަށެވެ. އެއީ 1997 ވަނަ އަހަރުގެ ސެމީ ފައިނަލާއި 2008 ވަނަ އަހަރުގެ ސެމީ ފައިނަލަގެ އިތުރުން 2009 ވަނަ އަހަރުގެ ސެމީ ފައިނަލެވެ.