03 Feb 2020, 08:35
އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ"ގެ ރޯލަކަށް މަޝްހޫރު ނެށުންތެރިޔާ އަދި ޓީވީ އެކްޓަރު ޝަންތަނޫ މަހޭޝްވަރީ 28، ހަމަޖައްސައިފިކަމަށް ހަބަރުތައް ބުނެފިއެވެ.
އާލިއާ ބަޓް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގައި ހިމެނޭ އަފްސަން ކިޔާ ކެރެކްޓާއެއްގެ ރޯލަށް ބަންސާލީ ބޭނުންވީ އާ މޫނެކެވެ. އެހެންކަމުން މި ފިލްމުގެ މި ރޯލު ޝާންތަނޫއަށް ދިނުމަށް ބަންސާލީ ނިންމާފައިވާ ކަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް އެކަން އޭނާ ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ސްޓާ ޕްލަސްއިން ގެނެސްދިން "ނަޗް ބަލިޔޭ 9" ވަނަ ސީޒަންގައިވެސް ޝާންތަނޫ ވަނީ ބައިވެރިވެފައެވެ. ޝާންތަނޫގެ ނެށުމުގެ ކެރިއަރު ފެށުނީ ވީ ޗެނަލުން ގެނެސްދިން ދިލް ދޯސްތީ ޑާންސުންނެވެ. އޭނާއަކީ ޑޭސީ ހޮޕާސް ޑާންސް ގްރޫޕްގެ އިސް މެންބަރެކެވެ. އެ ޑާންސް ގްރޫޕުން ވަނީ 2015 ވަނަ އަހަރު ލޮސް އޭންޖަލަސްގައި ބޭއްވި ވޯލްޑް ޑާންސް ކޮމްޕެޓިޝަންގައި ބައިވެރިވެ އެ މުބާރާތް ކާމިޔާބުކޮށްފައެވެ.
ޝާންތަނޫ ވަނީ 2017 ގައި ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ވެސް ކާމިޔާބުކޮށްފައެވެ.