03 Feb 2020, 08:47
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ތާޕްސީ ޕަންނޫ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ތައްޕަޅު"ގެ ޓްރެއިލާ އާންމުކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހު ރިލީޒްކުރު އެ ޓްރެއިލާއަކީ އެހެން ޓްރެއިލާތަކާ ހިލާފަށް ތަފާތު ޓްރެއިލާއެއް ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. ތާޕްސީ ތަފާތު ރޯލަކުން ފެނިގެންދާ އެ ފިލްމުގެ ޓްރެއިލާއަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
އަނޫބަވް ސިންހާ ޑައިރެކްޓްކޮށް އުފައްދާ އެ ފިލްމު ރިލީޒްކުރާނީ މި މަހު 28ގައެވެ. މި ފިލްމަކީ ތާޕްސީ ދެން އެންމެ އަވަހަށް ސިނަމާތަކުން ފެނިގެންދާނެ ފިިލްމެވެ. "ތައްޕަޅު"އަކީ ކައިވެންޏެއްގެ ތެރޭގައި އަންހެނަކަށް ދިމާވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
ތާޕްސީގެ އިތުރުން މި ފިލްމުން ފެނިގެންދާނީ ޕަވައިލް ގްލާޓީ، ރަތުނާ ޕަތަކް ޝާހު، ތަންވީ އަޒްމީ، ދިއާ މިރްޒާ، ރާމް ކަޕޫރް، ކުމުދު މިޝްރާ، މާނަވް ކޯލް އަދި ގްރޭސީ ސިންގްއެވެ.