03 Feb 2020, 00:35
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބްގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީއާ ގުޅިގެން މާލޭގެ ދެ ދާއިރާއެއްގެ ވޯޓުގެ މައްސަަލަ ބަލަން އެމްޑީޕީން ނިންމައިފިއެެވެ.
އެމްޑީޕީގެ އިންތިހާބީ ކޮމެޓީގެ ނާއިބު މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު މިރޭ "ސަން" އަށް ވިދާޅުވީ ވޯޓުގައި މައްސަލަ އުޅޭކަަމަށް ބުނެ ޝަކުވާ ލިބިފައިވަނީ ހެންވޭރު ހުޅަނގު ދާއިރާއާއި ގަލޮޅު މެދު ދާއިރާއާ ގުޅޭގޮތުން ކަމަށެެވެ.
ނަމަވެސް އެ ދެ ދާއިރާގެ ވޯޓު އަދި ބާތިލް ނުކުރާކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މާލޭގެ ދާއިރާތަކާ ގުޅޭ ގޮތުން ޝަކުވާތައް ބަލަމުންދާއިރު މާލޭގެ މޭޔަރުގެ ގޮނޑި ދެ ވަނަ ދައުރަކަށް ދިފާއު ކުރައްވަން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވި ޝިފާ މުހައްމަދަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެފައެެވެ. އޭނާއާ ވާދަކުރައްވައި ކުރިހޯއްދެވީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. މާލޭގެ ދާއިރާގެ އިންތިހާބާމެދު ޝިފާ ފަހުން ވަނީ ސުވާލު އުފައްދަވައިފައެެވެ.
މިދޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ގއ. އަތޮޅުގެ ރައްޔިތުން ވޯޓުލާ މަރުކަޒު، ކަލާފާނު ސްކޫލުގައި ހަމަނުޖެހުންތައް ބޮޑުވެ، އެ އަތޮޅުގެ ނުވަ ރަށުގެ ޕްރައިމަރީ އެ ޕާޓީން މިހާރު ވަނީ ބާތިލްވެސްކޮށްފައެެވެ.
ބާތިލް ކުރި އެމްޑީޕީ ގއ. އަތޮޅުގެ ޕްރައިމަރީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ ބާއްވާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެެވެ.
އެމްޑީޕީ ޕްރައިމަރީއާ ގުޅިގެން ހުށަހެޅު ޝަކުވާތައް ބެލުމަށް އެޕާޓީގެ އިންތިޚާބީ ކޮމެޓީއިން މިރޭވެސް ވަނީ ބައްދަލުވުމެއް ބާއްވައިފައެެވެ.
މިހާތަނަށް އެކޮމެޓީއަށް ޝަކުވާއެއް ކަމަށް ބެލެވޭވަރުގެ 20 ޝަކުވާ ހުށަހަޅާފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އެ ޝަކުވާތައް ބެލުމަށްފަހު ދެތިން ދުވަހެއްގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެެވެ.