03 Feb 2020, 10:47
އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ ރޯހިތު ޝެޓީގެ ފިލްމު 'ސޫރިޔަވަންޝީ'ގެ ކާސްޓާ ޖެކީ ޝްރޮފް ގުޅިއްޖެ އެވެ.
ފިލްމުގެ ޝޫޓިން ފެށިގެން ކުރިއަށްދާއިރު އެ ފިލްމުގެ ރޯލެއް ޖެކީ އަށް ލިބުނުކަން އޭނާ ވަނީ ކަށަވަރުކޮށްދީފަ އެވެ. އޭނާ ފިލްމުގެ ކާސްޓާ ގުޅުނުއިރު ފިލްމުގެ ޑައިރެކްޓަރު ފިޔަވާ އެހެން ކާސްޓަކަށް އޭނާ ގުޅުނު ކަމެއް ނޭނގެ އެވެ. އެހެންވެ ޖެކީ މި ފިލްމާ ގުޅުމުން ގިނަ ބަޔަކަށް ވަނީ ބޮޑު ހައިރާންކަމެއް ލިބިފަ އެވެ.
ފިލްމުގައި ކުޅެން ލިބުނު ރޯލާ ގުޅޭ ގޮތުން ޖެކީ ބުނީ އެ ރޯލަކީ ވަރަށް ތަފާތު ރޯލެއް ކަމަށާއި އެ ރޯލު އޭނާ އަށް ވަރަށް ކަމުދާ ކަމަށެވެ. އަދި އެ ރޯލަކީ ވަރަށް ވެސް ޝައުގުވެރިވާ ކަހަލަ ރޯލެއް ކަމެއް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ޖެކޯ ޝްރޮފް އަކީ ޓައިގާ ޝްރޮފްގެ ބައްޕައެވެ. ޖެކީ ވަނީ މީގެ ކުރިން ރޯހިތު ޝެޓީގެ ބައްޕަ އާ އެކު މަސައްކަތްކޮށްފަ އެވެ. މިފަހަރު ރޯހިތު އާއެކު މަސައްކަތް ކޮށްލަން ލިބުން އޭނާ ހުރީ ވަރަށް އުފަލުންނެވެ.
ކޮޕް ޑްރާމާ ސޫރިޔަވަންޝީ އަކީ 'ސިންގަމް' އަދި 'ސިމްބާ'ގެ ސްޕިން-އޯފް އެކެވެ. އެ ފިލްމުގައި އަކްޝޭ ފެނިގެންދާނީ "އޭޓީއެސް އޮފިސަރު ވީރް ސޫރިވަންޝީ" ކިޔާ ފުލުހެއްގެ ރޯލުންނެވެ.
ފިލްމުގައި އަކްޝޭ އާއެކު ފެނިގެންދާނީ ބަތަލާ ކެޓްރީނާ ކައިފް އެވެ. މިއީ އަކްޝޭ އާއި ކެޓްރީނާ ވެސް ރޯހިތުގެ ފިލްމެއްގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. ނަމަވެސް މިއީ އަކްޝޭ އާއި ކެޓްރީނާ އެކުގައި މަސައްކަތް ކުރާ ނުވަ ވަނަ ފިލްމެވެ. ދެމީހުން އެންމެ ފަހުން އެކުގައި ފެނިގެން ގޮސްފައި ވަނީ 2010 ވަނަ އަހަރު ރިލީޒްކުރި 'ތީސް މާރް ޚާން' އިންނެވެ.