02 Feb 2020, 23:40
ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ގުޅިގެން ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭ ކަމަށް ދެކެވުނު ވާހަކަތަކާއެކު ރައްޔިތުން އެކަމަށް ހިތްވަރު ދެމުން އަންނަ ކަމަށް ރިޔާޒު ވިދާޅުވެއްޖެއެވެ.
މިރޭ ކުރެއްވި ޓްވީޓެއްގައި ރިޔާޒް ވިދާޅުވީ ރައްޔިތުން އެ ދެ ބޭފުޅުންނަށް ގުޅައި ހިތްވަރުދޭން ފެށީ ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭ ކަމަށް ބުނެ މިދިޔަ ހަފްތާގައި ބައެއް ނޫސްތަކުގައި ލިޔުނު ޚަބަރާ ގުޅިގެން ކަމަށެވެ.
ފޯނުން ގުޅުމުގެ އިތުރުން އެސްއެމްއެސް މެދުވެރިކޮށް ވެސް ރައްޔިތުން ވެސް ހިތްވަރު ދެމުން އަންނަ ކަމަށާއި އެކަމަށްޓަކައި ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އާ ސިޔާސީ ޕާޓީ އުފެއްދުމުގައި އެ ދެ ބޭފުޅުންގެ އިތުރުން އިތުރު ބޭފުޅުންތަކެއް ހިމެނޭ ކަމަށް ވެސް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ނަމަވެސް ރިޔާޒާއި ކާނަލް ނާޒިމް ވަނީ އެކަން ދޮގުކުރައްވާފައެވެ.