04 Dec 2011, 15:12
ތ. ބުރުނީ ސްކޫލުން ގިނަ އަދަދެއްގެ ފައިސާތަކެއް ގެއްލުމުން އެކަމުގެ ތުހުމަތަށް އެ ސްކޫލްގެ ޕްރިންސިޕަލާއި ލީޑިން ޓީޗަރާއި ވޮޗަރު ހައްޔަރު ކޮށްފި އެވެ.
ބުރުނީ ކައުންސިލް އިދާރާއިން ބުނީ އެ ރަށު ސްކޫލްގެ ސްޓާފް ރޫމް ލޮކަރެއްގެ ތެރޭ ބަހައްޓާފައި ހުއްޓައި ގެއްލިފައިވާ ކަމަށް ބޮޑަށް ބެލެވެނީ 280،000ރ. ކަމަށެވެ. ނަމަވެސް ސީދާ ކަނޑައެޅިގެން ގެއްލިފައި ވަނީ ކިހާ އަދަދެއްގެ ފައިސާ އެއް ކަމެއް އެއްވެސް ލިއުމަކުން އެނގެން ނެތް ކަމަށް ވެސް ކައުންސިލް އިދާރާއިން ބުންޏެވެ.
ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލިބުނު ރިޕޯޓަކާ ގުޅިގެން ބުރުނީ ސްކޫލްގެ ވޮޗަރާއި އެ ސްކޫލްގެ އިސް ދެ ވެރިއަކު ހައްޔަރު ކުރީ ސަރުކާރުގެ ފައިސާ ގެންގުޅޭ މިންގަނޑުތަކާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކުރެވޭތީ ކަމަށެވެ. ނަމަވެސް އެ ސްކޫލުން ގެއްލިފައިވަނީ ކިހާ އަދަދެއްގެ ފައިސާ އެއް ކަމެއް ފުލުހުން ވެސް ނުބުނެ އެވެ.
ބުރުނީ ކައުންސިލް އިދާރާއިން ބުނީ އެ ސްކޫލްގެ އިދާރީ ހުރިހާ މަސައްކަތެއް ވެސް ކުރަނީ ލީޑިން ޓީޗަރާއި ޕްރިންސިޕަލް ކަމަށެވެ. އަދި ފައިސާތައް ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ ވެސް ޕްރިންސިޕަލް ކަމަށެވެ.
ބުރުނީ ސްކޫލަށް މިއަހަރު ސަރުކާރު ބަޖެޓުން ދީފައިވާ ފައިސާ އާއި ޕީޓީއޭއިން ލިބިފައި ހުރި ހުރިހާ ފައިސާ އެއް ގެއްލިފައި ވަނީ ދިވެހި ޓެސްޓް ޕޭޕަރުތައް ނިންމައި މިދިޔަ މަހުގެ 22 ގައި ތިޖޫރީން ނަގައި އޭގެ ފަހުން ލޮކަރުގައި ބަހައްޓާފައި ހުރި ފައިސާ ތިޖޫރީއަށް ބަދަލުނުކޮށް ހުއްޓަ އެވެ. އާދައިގެ ތަޅެއް އަޅުވާފައި ހުރި ލޮކަރުގެ ތަޅު ހަލާކުކޮށްލައިގެން ވަގަށް ނެގި ފައިސާ އަކީ މިއަހަރު އެ ސްކޫލްގެ ކަންތައްތަކަށް ޚަރަދު ކޮށްފައި ބާކީ ހުރި ފައިސާ އެވެ.