ގުރުއާނަކީ އިހްތިޔާރީ މާއްދާއަކަަށް ހަދަން އެއްވެސް އިރެއްގައި ވިސްނުމެއް ނެތްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ އާ ގައުމީ މަންހަޖު އެކުލަވާލެވި ތަންފީޒުކުރަން ފެށިގެން ދިއުމާއެކު ގްރޭޑް އެކަކުން 10 އަކާ ހަމައަށް މާއްދާއެއްގެ ގޮތުގައި ގުރުއާން ކިޔަވައިދޭގޮތަށް ހަމަޖެހިފައިވާ ކަަމަށެެވެ.

އެގޮތުން މިދިޔަ އަހަރު ގައުމީ މަންހަޖުގެ ކީ ސްޓޭޖްގެ ހަތަރެއް މުޅިން އަލަށް ތަންފީޒްކުރެވިގެން ދިއުމާއެކު މާއްދާއެއްގެ ގޮތުގައި ގުުރުއާން ގްރޭޑް ނުވައެއްގައި ކިޔަވައިދޭން ފަށައިފައިވާ ކަަމަށެެވެ. އަދި ހަމަ މިއަހަރު ގްރޭޑް 10 ގައި ކީރިތި ގުރުއާން ކިޔަވައިދޭން ފެށިކަންވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެެވެ.

"ކީރިތި ޤުރުއާން ހުރިހާ ދަރިވަރުންނަށްވެސް ކިޔަވައިދިނުމަކީ މި މިނިސްޓްރީގެ އަމާޒެކެވެ. އަދި ކީރިތި ގުރުއާން އިހްތިޔާރީ މާއްދާއެއްގެ ގޮތުގައި ހެދުމަކީ މި މިނިސްޓްރީން އެއްވެސް އިރެއްގައި ވިސްނާފައިވާ ކަަމެއް ނޫނެވެ." މިނިސްޓްރީގެ ބަޔާނުގައިވެއެެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިތުރަށް ބުނީ އެ މިނިސްޓްރީން އަބަދުވެސް މަސައްކަތްކުރާނީ ރާއްޖޭގެ ތައުލީމީ ނިޒާމްގެ ތެރެއިން ނުކުންނަ ކޮންމެ ދަރިވަރަކީ އިސްލާމީ އަގީދާގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ ހުލްގު ހެޔޮ ދަރިވަރަކަށް ހެދުން ކަަމަށެވެ.