02 Feb 2020, 21:39
ހއ. އުތީމުގައި އާ އިންޖީނުގެއެއް އަޅަން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މިއަދު ފެނަކަ ކޯޕަރޭޝަންއާ ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެެވެ.
އެ އެއްބަސްވުމުގައި ފެނަކައިގެން ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. އަދި ނާސާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ އަބްދުއް ރަހްމާންއެެވެ.
އެ މަސައްކަތް ނާސާއާ ހަވާލުކުރީ 7.03 މިލިއަން ރުފިޔާއަށެެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހު ފަސް ވަނަ ދުވަހަށް ނިންމާގޮތަށެެވެ.
ފެނަކައިން ބުނީ މިއަހަރު އެ ކުންފުނިން އެކި ރަށްރަށުގައި އަޅާ އިންޖީނުގެ ތަކުގެ ތެރެއިން 30 އިންޖީނުގެ ނިމޭނެކަމަށެެވެ.
ފެނަކައިން ބުނީ އެ ކުންފުނިން އަލަށް ޢިމާރާތް ކުރާ ކޮންމެ އިންޖީނުގެއެއްގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތްތަކާއި ފިއުލް ސްޓޯރޭޖް އަދި ޗިމްނީ އިމާރާތްކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން އާއިންޖީނުގެތައް ހުޅުވޭއިރު ނެޓްވޯކް އަޕްގްރޭޑްކުރެވި މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން 70 ޑެސިބެލް އަށްވުރެ މަތިނުވާނެހެން، ސައުންޑް އެޓެނުއޭޓަރ ފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި އިންޖީނުގެއިން އުފައްދާ އަޑު މަޑުވެގެންދާނެ ކަމަށެވެ.