ޖަޕާނުން 9000 ސާޖިކަލް މާސްކް ރާއްޖެއަަށް ހަދިޔާކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ޖަޕާނުގެ ސަރުކާރުން އެ މާސްކުތައް ހަދިޔާ ކުރީ މިއަދު ކަމަށެވެ.

މިއީ މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން ހަދިޔާކުރި މާސްކްތަކެއްކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ކޮރޯނާ ވައިރަސްގެ ބިރާ އެކު، ރާއްޖޭގައި ވެސް މީހުން ވަނީ މާސްކް ހޯދުމަށް ފާމަސީތަކުގައި ކިޔޫ ހަދައިފަ އެވެ. އަދި މާސްކްގެ ޑިމާންޑް ބޮޑުވެ، މާސްކް ލިބުން ދަތިވެ އަގުވެސް ވަނީ ބޮޑުވެފަ އެވެ.

ހެލްތު މިނިސްޓްރީން ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އަލީ ލަތީފް ވިދާޅުވީ ގިނަ ބަޔަކު މިހާރުވެސް މާސްކު ގަންނަތަން ފެންނަމުންދާ ކަމަށެެވެ. އެހެން ނަމަވެސް އެއްވެސް ކަހަލަ ރޯގާގެ އަލަމާތެއް ނުފެންނަނަމަ މާސްކު އަޅަން ނުޖެހޭނެކަމަށް އޭނާ ވިދާޅުވި އެެވެ.

"އަޅުގަނޑުމެން ހޮސްޕިޓަލް ތެރޭގައިވެސް މާސްކްއަަޅަން ނިންމާފައި ހުރި ތަންތަނަކީ އީއާރާއި ހާއްސަކޮށް ވަރަށް ގިނައިން ޕޭޝަންޓުން އަންނަ ކޮންޓެކްޓްވާ ހިސާބުގައި ތިބޭ ޑޮކްޓަރުން މާސްކްއަޅަން މިއިންނަނީ. އެހެން ނަަމަވެސް އާންމު އުސޫލަކުން އެންމެން މާސްކު އަޅައިގެން އެއީ ޕްރޮޓެކްޝަންއަށް ބަލައިގެން އަޅުގަނޑުމެން ރެކަމޮންޑެއް ނުކުރަން." ތަޖުރިބާކާރު ޑޮކްޓަރު، އަލީ ލަތީފް ވިދާޅުވި އެވެ.