02 Feb 2020, 18:42
މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހާ ގުޅިގެން ސިވިލް ސާވިސް މުވައްޒަފަކު ކަރަންޓިނުކޮށްފިނަމަ ޚާއްސަ ޗުއްޓީއެއް ދޭން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ނިންމައިފިއެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ އެ ރޯގާއާ ގުޅިގެން ކަރަންޓީނު ކުރެވޭ މުވައްޒަފުން ކަރަންޓީނު ކުރެވިފައި ހުންނަ މުއްދަތުގައި އޮފީހަށް ހާޒިރުނުވެވޭނެތީ، އެ ދުވަސްތަކަށް ޚާއްސަ ޗުއްޓީއެއް ހަމަޖައްސައިދިނުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ކަންޓީނުކުރެވޭ މުއްދަތުގައި ޗުއްޓީގެ ކަންތައްތައް ހަމަޖެއްސުމަށް ކަމާބެހޭ އިދާރާތަކަށް ސީއެސްސީން ވަނީ އަންގާފައެވެ.
ކޮރޯނާއާ ގުޅިގެން މިހާތަނަށް ކަރަންޓީނުކޮށްފައި ވަނީ ތިން މީހަކު ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ.