04 Dec 2011, 14:57
ހއ. އަދި ހދ. އަތޮޅުގެ ބައެއް ރަށްރަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަދު މެންދުރު ފަހު ފުރާވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ހއ. ކެލާ، އިހަވަންދޫ، މާރަންދޫ އަދި ހދ. އަތޮޅުން ވައިކަރަދުއަށާއި ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މިރަށްރަށް ވަޑައިގެން، އެ ރަށްރަށުގެ ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައި އެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކާއި މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު އޮޅުން ފިލުއްވަވައި، މަޝްވަރާ ބަދަލުކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ އެ ދެ އަތޮޅަށް މިކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި ކުޅުދުއްފުށީގައި ދިރާގުން ފެއްޓެވުމަށް ހަމަޖެހިފައިވާ "ދިރާގު ހައި-ސްޕީޑް ނެޓްވަރކް ރޯލްއައުޓް ޕްރޮގްރާމް"ގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.