ޗައިނާއިން އަންނަ ދިވެހިން ރައްޔިތުން ވަކި މުއްދަތަކަށް ކަރަންޓީނު ފެސިލިޓީގައި ބޭތިއްބުމަށް ސަރުކާރުން ނިންމައިފި އެވެ.

ކޮރޯނާ ވައިރަސް ޕްރިވެންޝަން ޓާސްކް ފޯހުން ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ޗައިނާއިން އަންނަ މީހުން ރާއްޖެ ވަނުން މަނާކުރަން ސަރުކާރުން މިއަދު ނިންމުމާ ގުޅިގެން އެ ގައުމުގައި މިވަގުތު ތިބި ދިވެހިން ރާއްޖެ އަންނަ ނަމަ، ރާއްޖެ އައުމާ އެކު އެއާޕޯޓުން، ގެންދާނީ ކަރަންޓީނު ފެސިލިޓީއަކަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސިއްހީ އިދާރާތަކުގެ ލަފާދޭ މުއްދަތަކަށް އެ މީހުން ކަރަންޓީނު ފެސިލިޓީގައި މަޑުކުރަން ޖެހޭ ގޮތަށް މިހާރު ސަރުކާރުން ވަނީ ނިންމައިފަ އެވެ.

"...ޓްރާންސިޓް ފްލައިޓެއްގައި ވެސް ދެން ޗައިނާގެ މެއިންލޭންޑަކުން ނާންނާނޭ އެއްވެސް ނޭޝަނަލިޓީ [އެއްވެސް ގައުމެއްގެ ރައްޔިތަކު]. ރާއްޖޭގެ ބައެއް ދިވެހިން އެތާ އެބަތިބި އޭގެ ދިވެއްސަކުވެސް ދެން އަނބުރާ ރާއްޖެ އަންނަން ބޭނުން ނަމަ، ސްޓްރެއިޓްކޮށް [ސީދާ] ދާނީ ކަރަންޓީނު ފެސިލިޓީއަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު މިއަދު ވިދާޅުވި ގޮތުގައި، މިވަގުތު ޗައިނާގެ އެކި ސިޓީތަކުގައި 43 ދިވެއްސަކު އެބަ ތިއްބެވެ. އަދި ސަރުކާރުގެ ހަރަދުގައި އެ މީހުން ރާއްޖެ ގެންނަން މަސައްކަތް ކުރުމުން ރާއްޖެ އަންނަން ބޭނުންވާކަމަށް ބުނެފައި ވަނީ އެންމެ މީހެއް ކަމަށް ވެސް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.

ނޮވެލް ކޮރޯނާ ވައިރަސްއެންމެ ބާރަށް ފެތުރެމުންދާތީ މިހާރު ބަންދުކޮށްފައިވާ ޗައިނާގެ ވުހާން ސިޓީގައި ތިބި ނުވަ ދިވެހިންގެ ތެރެއިން، ހަތް ދިވެހިން ވަނީ އެއާ-އިންޑިއާގެ ފްލައިޓެއްގައި މިއަދު އިންޑިއާގެ ނިއުދިއްލީއަށް ގެންގޮސްފަ އެވެ. އެ ދިވެހިން 14 ދުވަސް ވަންދެން އިންޑިއާގެ ކަރަންޓީނު ފެސިލިޓީއެއްގައި ބައިތިއްބާނެ އެވެ. އެ މީހުން ރާއްޖެ އަންނާނީ އެއަށް ފަހު އެވެ.