ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރުމުގެ ތުހުމަތުތަކެއް ކުރެވޭ، ދަރުމަވެރިޔާ އަހުމަދު ހިޝާން "އޮނަރަރީ ޑިސްއެބިލިޓީ އެމްބަސަޑަރު" ކަމުން މިއަދު ދުރުކޮށްފި އެވެ.

އެކަން ޔަގީންކޮށް ދެމުން ޖެންޑާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެމްބެސެޑަރުކަމުން ހިޝާން ދުރުކުރަން ޖެހުނީ، އޭނާއާ ގުޅޭ މައްސަލައެއް ބަލަމުންދާކަން ފުލުހުން އެ މިނިސްޓްރީ އަށް އަންގާފައިވާތީ ކަމަށެވެ.

މިނިސްޓްރީއިން ބުނީ، އިޖުތިމާއީ ގޮތުން ހިދުމަތް ކުރާ ފަރާތްތަކާއި އޮނަރަރީ މަގާމުތަކުގައި ތިބޭ ފަރާތްތަކަކީ ނަޒާހަތްތެރި އަދި އާންމު ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ ފަރާތްތަކެއް ކަމަށް މިނިސްޓްރީން ގަބޫލު ކުރާ ކަމަށެވެ.

އެ މަގާމު ހިޝާނަށް ދިނީ މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު ބޭއްވި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ހަފްލާގަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކެއް އޭނާގެ މައްޗަށް ސޯޝަލް މީޑިއާގައި ފެންމަތިކޮށްފައިވަނިކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އޭނާ އެމްބެސެޑަރުކަމުން ވަކިކުރަން ގޮވާލާ އަޑުތަކެއް ވެސް ވަނީ، ގަދަވެފަ އެވެ.

މިދިޔަ މަހުގެ ޖެނުއަރީ 31 ވަނަ ދުވަހު ހިޝާން ސްރީލަންކާއަށް ދިއުމަށްޓަކައި ފްލައިޓަށް އަރައި ހުއްޓާ ފުލުހުން ގޮސް އޭނާ ފްލައިޓުން ބާލުވާފައިވާ ކަމަށް ވެސް ސޯޝަލް މީޑިއާގައި އަޑުތަކެއް ވަނީ ފެތުރިފަ އެވެ.

ފުލުހުން ބުނެފައި ވަނީ، ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށްޓަކައި ޖެނުއަރީ 31 ވަނަ ދުވަހު ހިޝާން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާ ކަމަށެވެ.