މި އަހަރުގެ ތެރޭގައި އިންޑިއާއިން އެހީގެ ގޮތުގައި ރާއްޖެއަށް ތިން ބިލިއަން ރުޕީސް (41 މިލިއަން ޑޮލަރު) ދިނުމަށް އެގައުމުގެ ސަރުކާރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

އިންޑިއާގެ ފިނޭންސް މިނިސްޓަރު ނިރުމަލާ ސީތާރާމަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއަށް އިއްޔެ ހުށަހެޅުއްވި ބަޖެޓުގައި ވަނީ އިންޑިއާއިން އެކި ގައުމުތަކަށް ދޭން 74.49 ބިލިއަން ރުޕީސް (އެއް ބިލިއަން ޑޮލަރު) ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ އިތުރުން ބޫޓާން، އަފްޣާނިސްތާން، ބަންގުލަދޭޝް، ނޭޕާލް، ސްރީލަންކާ، މިޔަންމާ، މޮންގޯލިއާ، މޮރިޝަސް، ސީޝެލްސް އަދި އެފްރިކާގެ ގައުމުތައް ހިމެނެއެވެ.

މިދިޔަ އަހަރު އިންޑިއާއިން އެގައުމުތަކަށް އެހީގެ ގޮތުގައި ދޭން ބަޖެޓުގައި ކަނޑައެޅީ 74.22 ބިލިއަން ރުޕީސްއެވެ. އޭރު ރާއްޖެއަށް ދޭން އޮތީ 3.26 ބިލިއަން ރުޕީސް (45 މިލިއަން ޑޮލަރު)އެވެ.

އިންޑިއާގެ ބަޖެޓުގައި މިދިޔަ އަހަރާއި މިއަހަރުވެސް އެންމެ ބޮޑު އެހީއެއް ދޭން ކަނޑައަޅާފައި ވަނީ ބޫޓާންއަށެވެ. އެއީ މިދިޔަ އަހަރު 26.74 ބިލިއަން ރުޕީސް އަދި މިއަހަރު 28.84 ބިލިއަން ރުޕީސްއެވެ. އަދި އެގައުމުން ރާއްޖެ، ނޭޕާލް، ލަންކާ، މޮރިޝަސް އަދި އެފްރިކާގެ ގައުމުތަކާއި އެހެނިހެން ތަރައްގީވަމުން އަންނަ ގައުމުތަކަށް ދޭ އެހީ މިދިޔަ އަހަރާ އަޅާ ބަލާއިރު މަދު ކުރި ނަމަވެސް، ބޫޓާން، ބަންގުލަދޭޝް، މިޔަންމާ އަދި ސީޝެލްސްއަށް ދޭ އެހީގެ މިންވަރު ވަނީ އިތުރުކޮށްފައެވެ.

އިންޑިއާގެ ލޮކް ސަބާގައި މިހާރު އޮތް ބަޖެޓަށް ބަހުސް ކުރުމަށްފަހު، އެ ބަޖެޓު ފާސްކޮށްފިނަމަ އަންނަ އޭޕްރިލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއަށް އަމަލުކުރަން ފަށާނެއެވެ.

އިންޑިއާގެ ބަޖެޓު ހުށަހަޅާފައި ވަނީ އެގައުމުގެ އިގުތިސާދީ ކުރިއެރުން، ފާއިތުވި 11 އަހަރު ތެރޭ ދަށްނުވާ މިންވަރަކަށް މި އަހަރު ދަށްވާނެކަމަށް އެގައުމުގެ ސަރުކާރުން ލަފާކޮށްފައި ވަނިކޮށެވެ.

އިންޑިއާގެ އިކޮނޮމިސްޓުން ވިދާޅުވާ ގޮތުގައި އެ ގައުމުގެ އިގުތިސާދީ ކުރިއެރުން ދަށްވަނީ އުފެންދުންތެރިކަން ކުޑަވުމާއި އެމެރިކާ އާއި ޗައިނާގެ ވިޔަފާރީގެ ހަނގުރާމައިގެ އަސަރު މުޅި ދުނިޔޭގެ އިގުތިސާދަށްވެސް ކުރުމުންނެވެ. އަދި ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އުފެއްދުންތެރިކަމުގެ ސިނާއަތަށް ލޮޅުން އެރީ 2016 ވަނަ އަހަރު ގައުމުގެ ސަރުކާރުން ކުއްލި ގޮތަކަށް ފައިސާގެ ދެ ނޫޓެއް އުވާލުމާއި ޖެހިގެން އައި އަހަރު މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނަގަން ފެށުމުންނެވެ.