ބަޣްދާދު (2 ޖަނަވަރީ 2020) : އިރާގުގައި އެކުލަވާލުމަށް ހަމަޖެހިފައިވާ އައު ސަރުކާރުގެ ބޮޑުވަޒީރަކަށް މުހައްމަދު ތަވްފީގް އަލާވީ އިޚްތިޔާރުކުރުމުން އިރާގުގައި މުޒާހަރާކުރާ ފަރާތްތައް އެކަމާ ދެކޮޅު ހަދައިފިއެވެ.

މިދިޔަ އޮކްޓޯބަރުމަހުން ފެށިގެން ސިލްސިލާ ގޮތެއްގައި އިރާގު ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ ފަރާތްތަކުން ބުނީ އަލާވީ އަކީ ބޮޑުވަޒީރުކަމަށް އައްޔަންކުރުމަށް ރައްޔިތުން ބޭނުންވާ ޝަރުތުތައް ފުރިހަމަވާ ބޭފުޅެއްނޫންކަމަށާ އޭނާ އެމަގާމަށް އިޚްތިޔާރު ކުރުމަކީ ރައްޔިތުންނަށް ކުރި މަލާމާތެއްކަމުގައެވެ.

އިރާގުގައި ހުއްޓުމެއްނެތި ކުރިޔަށްދާ މުޒާހަރާތަކާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރު އާދިލް އަބްދުލްމަހްދީ ރަސްމީގޮތުން އިސްތިއުފާ ދެއްވީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް ބޮޑުވަޒީރުކަމަށް އަލުން އައްޔަން ކުރާނެ ބޭފުޅަކާމެދު އިރާގުގެ ޕާލަމެންޓް މެންބަރުންގެ މެދުގައި އެއްބަސްވުމަކަށް ނާދެވުމުން ފާއިތުވި މުއްދަތުގައި ރައީސް ބަރްހަމް ސާލިޙް ވަނީ އައު ބޭފުޅަކު ބޮޑުވަޒީރުކަމަށް އިޚްތިޔާރު ކުރުމަށް ނުކުޅެދިވަޑައިގެންފައެވެ.

އެހެންކަމުން ރަސްމީ ސިފައެއްގައި މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އައު ސަރުކާރެއް އެކުލަވާލެވިފައި ނުވާތީ އަބްދުލްމަހްދީ އަދިވެސް ހުންނެވީ އިރާގުގެ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައެވެ. އިރާގުގައި މުޒާހަރާކުރާ ފަރާތްތަކުން ގޮވާލަނީ ސިޔާސީ އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ އިލްމީ ނަޒާހަތްތެރި ބޭފުޅަކު އައު ބޮޑުވަޒީރަކަށް ހަމަޖައްސުމަށެވެ. އައު ބޮޑުވަޒީރު އެކުލަވާލައްވާ ސަރުކާރުގެ ކެބިނެޓްވެސް އެކުލަވާލަންޖެހޭނީ ސިޔާސީ ޕާޓީތަކަށް ނިސްބަތްނުވާ ފަންނީ ޓެކްނޮކްރޭޓުންގެ މައްޗަށް ކަމަށް މުޒާހަރާކުރާ ފަރާތްތަކުން ގޮވާލަމުން ގެންދެއެވެ. މީގެއިތުރުން އިންތިޚާބުތަކާބެހޭ އައު ގާނޫނެއް އެކުލަވާލުމާއި އިންތިޚާބާބެހޭ ކޮމިޝަންގެ ގޮތުގައި އައު ކޮމިޝަނެއް އުފެއްދުމަށްވެސް މުޒާހަރާކުރާ ފަރާތްތައް އެދެމުންދާ ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.

މިދިޔަ އޮކްޓޯބަރުމަހުން ފެށިގެން ސިލްސިލާ ގޮތެއްގައި އިރާގުގެ އެތަށް ހާސްބަޔަކު އެގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުން ގެންދަނީ އިރާގުގައި ކޮރަޕްޝަންގެ ކަންތައް ހައްދު ފަހަނަޅައިގެން ދިޔުމާއި ތަކެތީގެ އަގު ހިފެހެއްޓުމެއްނެތި ބޮޑުވަމުން ދިޔުމުގެ އިތުރުން އިރާގު ސަރުކާރުން ރައްޔިތުންނަށް ދޭ އާންމު ޚިދްމަތްތަކުގެ ފެންވަރުވެސް އިންތިހާއަށް ދަށަށްގޮސް އިރާގުގައި ފަގީރުކަން އާންމުވުމާ ގުޅިގެންނެވެ.

މުޒާހަރާކުރާ ފަރާތްތަކުން އެމީހުންގެ އިޙްތިޖާޖްތަކާއި މުޒާހަރާތައް އިންތިޒާމުކުރުމަށާއި އެނޫންވެސް ގޮތްގޮތުން އިރާގު ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރުމަށްޓަކައި ބަޣްދާދުގެ ތަހްރީރު މައިދާނުގައި އުޅެނީ ފޭލިގެ ޖަހައިގެންނެވެ. ފޭލިގެ ޖަހައިގެން އެތަން ހިސާރުކޮށްގެން އެމީހުން އެތަނުގައި އުޅެމުން ގެންދާތާ ތިންމަސްވެފައިވެއެވެ. މުޒާހަރާކުރާ ފަރާތްތަކުން ގެންދަނީ އިރާގުގައި ސިޔާސީ ގޮތުން އިސްކޮށް ހަރަކާތްތެރިވާ ލީޑަރުންނާއި ސިޔާސީ ފަރާތްތައް ސިޔާސީ މަސްރަހުން ދުރަށްދިޔުމަށްވެސް ތަކުރާރުކޮށް ގޮވާލަމުންނެވެ.

އިރާގުގައި ކުރަމުން ގެންދާ މުޒާހަރާތަކާ ދެކޮޅަށް ބާރުގެ ބޭނުން ކުރުމުގެ ސަބަބުން މިހާތަނަށް 450 މީހުން މަރުވެފައިވާއިރު 16 ހާހަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އައު ސަރުކާރުގެ ބޮޑުވަޒީރަކަށް މުހައްމަދު ތަވްފީގް އަލާވީ ބަލައިނުގަނެވޭނެ ކަމަށްބުނެ އޭނާ އެމަގާމަށް އިޚްތިޔާރު ކުރުމަށް މުޒާހަރާކުރާ ފަރާތްތަކުން ދެކޮޅު ހަދަމުން ގެންދަނީ އޭނާއަކީ ސިޔާސީ ވަކި ފިކުރެއްގެ ބޭފުޅެއްކަމަށް ދެކިގެންނެވެ. އިރާގުގެ ބޮޑުވަޒީރުކަމަށް ބޭފުޅަކު އިޚްތިޔާރު ކުރައްވަނީ އެގައުމުގެ ރައީސް ކަމަށްވިޔަސް ބޮޑުވަޒީރަށް ރުހުން ދެނީ ޕާލަމެންޓުންނެވެ. އެހެންކަމުން ޕާލަމެންޓްގައި އަޣްލަބިއްޔަތު އޮންނަ ޕާޓީތަކުގެ ރުހުން ލިބިފައިވާ ބޭފުޅަކު ނޫނީ ބޮޑުވަޒީރުކަމަށް އިޚްތިޔާރު ކުރެވޭނެ ގޮތެއް ރައީސަކަށް ނޯވެއެވެ. (ނޫސްއެޖެންސީތައް)