02 Feb 2020, 15:08
އިޓާލިއަން ލީގުގެ އެއްވަނައިގައި އޮތް ޔުވެންޓަސްއިން މިހާރު އެންމެ ބޮޑު އުންމީދެއް ކުރަމުން އަންނަ ޔޫއެފާ ޗެމްޕިއަންސް ލީގު ހޯދުމުގެ ގޮތުން ލިވަޕޫލުގެ ޑިފެންޑަރު ވާގިލް ވެންޑައިކް ރެކޯޑް އަގަކަށް ގެންދިއުމަށް މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓް ތަކުން ބުނެފި އެވެ.
ފަހުގެ އަހަރުތަކުގައި އިޓާލިއަން ލީގު ޑޮމިނޭޓްކޮށް ގިނަ ތަށިތަކެއް ޔުވެންޓަސް ހޯދާފައިވާއިރު އެ ޓީމުން މީގެ ސީޒަނެއް ކުރިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ އެ ޓީމަށް ގެންގޮސްފަ އެވެ. އެކަމަކު އެ ޓީމުގެ ސަޕޯޓަރުންގެ އެންމެ ބޮޑު އުންމީދު ކަމުގައިވާ ޗެމްޕިއަންސް ލީގުގައި ހިތްދަތި ގޮތަކަށް އަޔެކްސް އަތުން މިދިޔަ ސީޒަނުގައި އެ ޓީމު ވަނީ ބަލިވެފަ އެވެ.
އެންމެ ފަހުން 1995-1996 ވަނަ ސީޒަނުގައު ޔުވެންޓަސް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި އިރު އޭގެ ފަހުން ފަސް ފަހަރަކު އެ ޓީމުން ވަނީ ފައިނަލުގައި ކުޅެފަ އެވެ. އެއީ 1997،1998 އަދި 2003 އާއި 2015 ގެ އިތުރުން 2017 ވަނަ އަހަރު އެވެ. ޔުވެންޓަސްއިން އެ ތަށި ހޯދުމުގެ ގޮތުން މިހާރު އަންނަނީ މިވަގުތު އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާ އެކު ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ވެންޑައިކް ގެނައުމަށް މަސައްކަތް ކުރަމުން ކަމަށް ބޭރުގެ ނޫހެއް ކަމަށްވާ "ދަ ސަން" އިން ވަނީ ރިޕޯޓް ކޮށްފަ އެވެ.
އެ ރިޕޯޓުގައި ވާގޮތުން އުމުރުން 28 އަހަރުގެ ހޮލެންޑު ޑިފެންޑަރު ގެންދިއުމަށް ޔުވެންޓަސްއިން ހުށައަޅާ އަގަކީ 178.5 ޔޫރޯގެ އަގެކެވެ. އެއީ މިވަގުތު އެންމެ އަގުބޮޑު ޑިފެންޑަރުގެ މަގާމުގައި ހުރި މެންޗެސްތާ ޔުނައިޓެޑުގެ ހެރީ މެގުއާގެ އަގެއް ވުރެން ދެގުނަ ބޮޑު އަގެކެވެ. އެހެން ކަމުން ވެންޑައިކް ޔުވެންޓަސްއަށް ގޮސްފި ނަމަ އޭނާ ވެގެން ދާނީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރަށެވެ.
މީގެ އިތުރުން މިފަހަރުގެ ލީގު ލިވަޕޫލަށް ލިބިއްޖެ ނަމަ "އެހެން ލީގަކަށް ބަދަލުވާން ބޭނުންވާން" ކަމަށް ވެންޑައިކް މީގެ ކުރިން ބުނެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ލިވަޕޫލުން މި ސީޒަނުގައި މިހާތަނަށް އެއްވެސް ލީގު މެޗަކުން ބަލިވެފައި ނުވާ އިރު އެ ޓީމު ކޮޅަށް ވަދެފައި ވަނީ ވެސް މަދު ގޯލުތަކެކެވެ. އަދި ވޭތުވެ ދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ކާމިޔާބީއާ އެކު މި ސީޒަނުގައި ވެސް އެ ޓީމުން އަންނަނީ އިތުރު މުބާރާތްތަކުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ.