އައްޑޫސިޓީގައި ޓުއަރިޒަމް ޒޯންތަކެއް ތަރައްގީ ކުރުމާ ގުޅޭ އެމްއޯޔޫއެއްގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކޮށްފި އެވެ. މި މަޝްރޫއުގެ އަގަކީ، 2.49 މިލިއަން ޑޮލަރެވެ.

އޭގެ އިތުރުން ހއ. ހޯރަފުށީގައި ފެންބަންދުކުރާ ޕްލާންޓެއް އެޅުމަށްވެސް ދެގައުމުން ވަނީ އޯޔޫއެއްގައި ސޮއިކޮށްފަ އެވެ. އެ މަޝްރޫގެ އަގަކީ، 51،900 ޑޮލަރެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި އެމްއޯޔޫތަކުގައި ސަރުކާރު ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި އިންޑީއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ހައި ކޮމިޝަނާ ސަންޖޭ ސުދީރު އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، ޓުއަރިޒަމް ތަރައްގީކުރުމުގެ އެމްއޯޔޫގެ ދަށުން އައްޑޫ ސިޓީގެ ފަސް ސަރަހައްދެއްގައި ފަސް އިކޯ ޓޫރިޒަމް މަޝްރޫއު ހިންގާނެ ކަމަށެވެ. އެގޮތުން ހިތަދޫ، ފޭދޫ، ހުޅުދޫ، މީދޫ އަދި ހުޅުދޫގައި މަޝްރޫއުތައް ހިންގަމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި މަޝްރޫއާއެކު ތަރައްގީ ކުރެވޭ ޒޯންތަކަކީ ޓުއަރިޒަމް ދާއިރާއަށް އިންވެސްޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިންވެސްޓް ކުރުމަށް އާ ހިތްވަރެއް ލިބި، އެ ސިޓީގެ ސިނާއީ ތަރައްގީއަށް ކުރިއެރުން ލިބޭނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އައްޑޫ ސިޓީ އާއި ހޯރަފުށީގައި ހިންގާ މި ހަ މަޝްރޫއުގެ ޖުމްލަ އަގަކީ، 2.59 މިލިއަން ރުފިޔާ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި ހަ މަޝްރޫއަކީ، އިންޑިއާ ސަރުކާރުގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމެންޓް" (އެޗްއައިސީޑީޕީ) ގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި އެ ކައުންސިލުންވެސް ބައިިވެރިވި އެވެ.

މިދިޔަ އަހަރުގެ މާޗް މަހު އޭރު އިންޑިއާގެ ހާރިޖީ ވުޒާރާއާ ހަވާލުވެގެން ހުންނެވި، ސުޝްމާ ސްވަރާޖް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެގައުމު ގުޅިގެން ހިންގޭ މިފަދަ މަޝްރޫއުތަކަށް ހާއްސަކޮށްގެން 5.6 މިލިއަން ޑޮލަރުގެ އެހީދޭން ވަނީ އިއުލާންކޮށްފަ އެވެ. މި މަޝްރޫއުތައް ހިންގަނީ ސަރުކާރުން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން، އެރަށެއްގެ ރަށު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.