ނޮވެލް ކޮރޯނާ ވައިރަސް އެންމެ ގަދައަށް ފެތުރި، މިހާރު ބަންދުކޮށްފައި އޮތް ޗައިނާގެ ވޫހާން ސިޓީގައި ތިބި ހަތް ދިވެހިން އިންޑިއާއަށް ގެންގޮސްދިނުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެގައުމަށް ޝުކުރު އަދާކުރައްވައިފި އެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރަށް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރި، ރަހުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

ވޫހާންގައި ތިބި ހަތް ދިވެހިން އިންޑިއާގެ ނިއުދިއްލީއަށް ގެންގޮސްފައިވަނީ އެ ސިޓީގައި ތިބި އިންޑިއާ ރައްޔިތުން އަނބުރާ އެގައުމަށް ގެންދިއުމަށް އެއާ އިންޑިއާއިން ކުރި ދެވަނަ ދަތުރުގަ އެވެ.

އެ ފްލައިޓުގައި ހަތް ދިވެހީންގެ އިތުރުން 323 އިންޑިއާ ރައްޔިތުން މިއަދު ހެނދުނު ވަނީ ދިއްލީއަށް ގެންގޮސްފަ އެވެ. އިއްޔެވެސް އިންޑިއަން އެއާލައިންސް ފްލައިޓެއްގައި 324 އިންޑިއާ ރައްޔިތުން ވޫހާންއިން ނެރެ، ދިއްލީއަށް ގެންދިޔަ އެވެ.