ކޮރޯނާ ވައިރަސް އާ ގުޅިގެން މިދިޔަ މަހުގެ 26 އިން ފެށިގެން މިއަދާ ހަމައަށް 11،115 ބުކިން ކެންސަލްވި އިރު ރާއްޖެއަށް އަންނަން މުޅިން އަލަށް ހެދި ބުކިންސްގެ އަދަދު، 24،159 އަރާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވިދާޅުވީ ކޮރޯނާ ވައިރަސްއާ އެކުވެސް ތަފާސްހިސާބުތަކުން ދައްކަނީ މިދިޔަ އަހަރުގެ ފުރަތަމަ މަހާ އަޅާ ބަލާއިރު މިއަހަރުގެ ޖެނުއަރީ މަހުގައި ފަތުރުވެރިން ރާއްޖެ އައިސްފައިވާ އަދަދު އިތުރުވެފައިވާތަން ކަމަށެވެ.

"މިދިޔަ އަހަރު [ޖެނުއަރީ މަހު] ރާއްޖެ ޒިޔާރާތްކޮށްފައި ވަނީ 151،554 ފަތުރުވެރިން. މިއަހަރު ޖެނުއަރީ މަހުގެ ތެރޭގައި 173،874 ފަތުރުވެރިން ޒިޔާރާތްކޮށްފައިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮރޯނާ ވައިރަސްއާ އެކު އަންނަމުންދާ ލޮޅުންތައް ދަނީ ދިރާސާ ކުރަމުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަންނާނެ ލޮޅުންތައް ވީހާވެސް ކުޑަކުރަން ސަރުކާރުން ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ބުކިން ކެންސަލުކުރިއިރު ކޮރޯނާ ވައިރަސްއާ ގުޅިގެން ދުނިޔޭގެ އެއްތަނުން އަނެއް ތަނަށް މީހުން ދަތުރު ކުރާ ވަރު މަދުވާނެ ކަމަށް ބަލަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުން ނަގަމުން އަންނަ ފިޔަވަޅުތަކާ ގުޅިގެން އަންނާނެ ފަތުރުވެރިކަމަށް ލޮޅުމެއް. އެކަމު އަޅުގަނޑުމެންގެ މިވަގުތުގެ އަމާޒަކީ ރާއްޖޭގެ ރައްކާތެރިކަމާއި ސަލާމަތް،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

މިދަނޑިވަޅުގައި ފަތުރުވެރިކަމުގެ ސިނާއަތުން އާންމުންނަށް ފޯރުކޮށްދެވެން އޮތް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ ކޮރޯނާއަށް ޝައްކުވާ މީހަކު ރިސޯޓަކުން ނޫނީ ގެސްޓްހައުސްއަކުން ފެނިއްޖެ ނަމަވެސް އެކަމުގައި އާޅަން ޖެހޭ ފިޔަވަޅުތައް އަޅަން އެތަންތަނުގެ މެނޭޖްމަންޓް ވެސް އަދި އިދާރާތައް ވެސް އޮތީ ތައްޔާރަށް ކަމަށެވެ.