04 Dec 2011, 14:16
ކުރީގެ ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) އާއި ދިވެހިރާއްޖޭގެ އަޑާއި ދެ ތަނުގެ މުދަލާއި ދައުލަތުގެ ބަޖެޓުން އެ ދެ ތަނަށް ދީފައިވާ ފައިސާ 20 ދުވަހުގެ ތެރޭގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އާ ހަވާލު ކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް އެމްއެންބީސީން ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލަ އާއި މެދު އެ ކޯޓުން ވަކިގޮތެއް ނިންމަންދެން ހައި ކޯޓުގެ ހުކުމުގެ މަގުސަދު ހާސިލް ނުކުރެވޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ހައި ކޯޓުން ވަގުތީ އަމުރެއް މިއަދު ނެރެފި އެވެ.
އެ އަމުރު ނެރެފައިވަނީ ދައުލަތާއި އެމްއެންބީސީ އާއި ކޮމިއުނިކޭޝަން އޮތޯރިޓީ އަދި އެމްއެންބީސީގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުންގެ މައްޗަށެވެ.
ހައި ކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި އަބްދުލް ޣަނީ މުހައްމަދު އަދި އައްބާސް ޝަރީފް ސޮއިކުރައްވައި މިއަދު އިއްވެވި ހުކުމްގައި ބުނަނީ އެ ކޯޓުން އެ ގޮތަށް އަމުރު ނެރުނީ ހައިކޯޓުގެ ގަވާއިދުގެ ދަށުން ކޯޓަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.
"ހައިކޯޓުގެ ގަވާއިދުގެ 69 ވަނަ މާއްދާއިން ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިގެންވާ ބާރުގެ ދަށުން، އެމްއެންބީސީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައި ބެލެވެމުންދާ މައްސަލަ ނިމުމުގެ ކުރިން، ދިވެހިރާއްޖޭގެ ހައިކޯޓުން އެހެން ގޮތަކަށް ކަނޑަ އަޅަންދެން އެމްއެންބީސީގެ އެއްވެސް މުދަލެއް، ނުވަތަ އެ ކުންފުނީގެ ހަވާލުގައިވާ އެއްވެސް މުދަލެއް ވިއްކައި، ދޫކޮށް، ބަދަލުކޮށް ނުވަތަ ނައްތާލުންފަދަ، ސިވިލްކޯޓުގެ ހުކުމަށް އަމަލު ނުކުރެވޭފަދަ ނުވަތަ އެ ހުކުމުގެ މަގުސަދު ހާސިލުކުރުމަށް ހުރަސް އެޅޭފަދަ އެއްވެސް އަމަލެއް ނުކުރުމަށް އެމްއެންބީސީ، ދިވެހި ދައުލަތް، ކޮމިއުނިކޭޝަން އޮތޯރިޓީ އަދި އެމްއެންބީސީގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުންނަށް އަންގައި އަމުރުކޮށްފީމެވެ،" ހައިކޯޓުގެ ހުކުމްގައި ވެއެވެ.
ހައިކޯޓުން މިއަދު އަމުރު ނެރުނު އިރު ހއ. ދިއްދޫގަ އާއި ހދ. ކުޅުދުއްފުއްޓާއި، ބ. އޭދަފުއްޓާއި، ގއ. ވިލިނގިއްޔާއި، ގދ. ތިނަދޫ އާއި ޏ ފުވައްމުލަކާއި އައްޑޫ ސިޓީގެ ހިތަދޫގައި ގާއިމްކޮށްފައިވާ މީޑިއާ ސެންޓަރުތަކުގެ މުވައްޒަފުންނަށް ވަނީ ތިންމަސް ދުވަސްތެރޭގައި ވަޒީފާއިން ވަކިކުރާނެކަމުގެ ނޯޓިސް ދީފައެވެ.