02 Feb 2020, 11:28
ކޮރޯނާވައިރަހަށް ސްކްރީންކުރުމަށް ބޭނުންކުރާ އާ ތާމަލް ކެމެރާތަކެއް ގެނެސްފައިވާ ކަމަށާއި އަދި އިތުރުވެސް ކެމެރާތައްވެސް ގެނައުމުގެ މަސައްކަތް ކުރަމުން ދާކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ތާމަލް ކެމެރާގެ ތިން ޝިޕްމަންޓެއް މިހާރު ރާއްޖެ ގެނެވި އިންސްޓޯލް ކުރެވިފައިވާ ކަމަށެވެ. އަދި އިތުރު ހަތް ކެމެރާ ސެޓަޕް މި ހަފްތާތެރޭ އަންނާނެ ކަމަށާއި އެތަކެއްޗާއެކު ހާއްސަ އެކްސްޕާޓުންވެސް ދިވެހިންނަށް ތަމްރީން ދޭން ގެންނާނެ ކަމަށެވެ.
"31 ޖެނުއަރީ ފެށިގެން މިވަނީ އިތުރު ތާމަލް ކެމެރާ ގެނެވިފައި. ސަރުކާރުގެ ފަރާތުން ޔަގީން ކަމާއެކު ކަށަވަރު ކުރެވިދާނެ ރާއްޖެއަށް އެތެރެވާ ހުރިހާ ދޮރާޓެއް ތާމަލް ކެމެރާތަކުން ރަނގަޅަށް ބަލަމުން ގެންދެވޭކަން،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ، މިރެއާ ހަމައަކަށް ރާއްޖޭގެ މުޅި އާބާދީއަށް ވާވަރަށް މާސްކް އެބަހުރި ކަމަށާއި ނަމަވެސް މާސްކްގެ އިތުރު ޝިޕްމަންޓްތަކެއް ކުރިއަށް އޮތްތާ އަންނާނެ ކަމަށެވެ.
"ބައެއް ފަރާތްތަކުން ކަންބޮޑުވަޑައިގެން އިތުރަށްވެެސް މާސްކް ބޭނުންވެވަޑައިގަންނަވާ. އެހެން ވީމަ އިތުރު އަދަދުތައް މި ހަފްތާ ތެރޭ އެކި ތާރީހުތަކުގައި އިތުރު [މާސްކް] ޝިޕްމަންޓްތައް އަންނާނެ. އެ ޝެޑިއުލްވެފައި ވަނީ،" އަލީ ވަހީދު ވިދާޅުވިއެވެ.
ހާލަތު އެންމެ ގޯސްވާ ދަޑިވަޅެއްގައިވެސް އަމަލުކުރައްވާނެ ގޮތްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ތަރުތީބުކުރައްވާފައި ކަމަށާއި ދިވެހި ސަރުކާރުން މި ބައްޔަށް ތައްޔާރުވެރުވެ، ރައްކާތެރިކަމުގެ ފިޔަވަޅު ދުވަހުން ދުވަހަށް އަޅުއްވާނެކަމުގެ ޔަގީންކަން މިނިސްޓަރު އަލީ ވަހީދު ދެއްވިއެވެ.
"އަޅުގަނޑުމެން ފޮލޯކުރަމުން މިދަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، [ޑަބްލިއުއެޗްއޯ] އިން މިފަދަ ހާލަތްތަކުގައި ކޮންމެ ސަރުކާރުންވެސް އަމަލު ކުރަމުންދާ ޕްރޮފެޝަނަލް ސްޓޭންޑާޑްސްކަން ޔަގީން ކަމާއެކު ދަންންވަން،" އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރު އަލީ ވިދާޅުވ،ީ މިހާރު މި ގެންނަނީ އެމެރިކާ ފަދަ ބޮޑެތި ގައުމުތަކުގައި ބޭނުންކުރާ ފަދަ ވަރުގަދަ ތާމަލް ކެެމެރާތަކެއް ކަމަށެވެ. އެހެން ކަމުން ބައްޔަށް ޝައްކު ކުރެވޭ މީހެއް އަޔަސް އިތުރަށް ޝައްކު ކުރެވޭވަރަށް ކަށަވަރުވާނެ ކަމަށެވެ.