ރައީސުލްޖުމްހޫރިއްޔާގެ ރީޓްރީޓެއްގެ ގޮތުގައި ބޭނުން ކުރާ، ކ. އާރަށް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ހަދަން ސަރުކާރުން ނިންމައިފި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އާރަށް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރުމަށް، ހުށަހެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަމިއްލަފުޅަށް ކަމަށެވެ. އަދި އެތަން މިހާރު ހުރީ އެފަދަ ފެސިލިޓީއަކަށް ބޭނުން ކުރެވޭނެ ހާލަތަކަށް ގެނެސްފައި ކަމަށް ވެސް މިނިސްޓަރު އަލީ ވިދާޅުވި އެވެ.

"އާރަށް އެހުރީ ތައްޔާރަށް މިކަމާ [ކޮރޯނާ ވައިރަހާ] ގުޅިގެން، ދިވެހި ރައްޔިތުންވެސް އަދި މިކަމުގައި ފަތުރުވެރިޔަކުވެސް އަދި ކޮންމެ މީހަކުވެސް ކަރަންޓީނު ކުރަން ޖެހިއްޖެ ނަމަ އެންމެ ފުރަތަމަ ފެސިލިޓީއަކަށް އެ އޮޕްޝަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޓާސްކްފޯސް އަށް ދެއްވާފައި،" މިނިސްޓަރު އަލީ ވިދާޅުވި އެވެ.

މިވަގުތު ކަރަންޓީނު ފެސިލިޓީގެ ގޮތުގައި ހުޅުމާލޭގައި މަރުކަޒެއް އަދި އެސްޓީއޯގެ ތެޔޮ ރައްކާ ކުރާ ރަށް ފުނަދޫގައިވެސް ވަނީ، އެފަދަ މަރުކަޒެއް ގާއިމްކޮށްފަ އެވެ.

ފުނަދޫގައި ކަރަންޓީން ފެސިލިޓީ ގާއިމުކޮށްފައި ވުމުން އެކަމާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތަކެއް ހުރުމުން އެކަމަށް ރައްދު ދެއްވައި މިނިސްޓަރު އަލީ ވިދާޅުވީ، އާންމުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް މި ސަރުކާރު ރިއާޔަތް ކުރާނެ ކަމަށެވެ.

ފުނަދޫއަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ތެޔޮ ރައްކާކުރާ އެއް ތަނަށް ވާއިރު އެތަނުގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފެއްގެ ކަންބޮޑުވުމަކީ ސަރުކާރުގެ ކަންބޮޑުވުމަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.


ހުޅުމާލޭ ދެވަނަ ފޭސްގައިވާ، ފަރުކޮޅުފުށީގައިވެސް ކަރަންޓީން ފެސިލިޓީއެއް ގާއިމުކުރާ ވާހަކަ ވަނީ މީގެ ކުރިން ސަރުކާރުން އާންމުކޮށްފަ އެވެ. މިނިސްޓަރު ވިދާޅުވީ މިރެއާ ހަމައަށް އެތަނުގައި އިތުރު ކޮޓަރިތައް ގާއިމުކުރުމުގެ މަސައްކަތް ނިމޭނެ ކަމަށެވެ.

ކޮރޯނާ ވައިރަސްގެ ސީދާ އައުޓްބްރޭކް އަކަށް ގޮސްދާނެ ހާލަތަކަށް ތައްޔާރުވުމަށް، އައިސޮލޭޝަން ރަށެއް ތައްޔާރުކުރުމުގެ މަސައްކަތްކުރައްވާ ކަމަށް މިނިސްޓަރު އަލީ ވިދާޅުވި އެވެ.

"ދުނިޔޭގެ ކޮރޯނާ ވައިރަސް ފެތުރެމުން މިދާ ބާރުމިނަށް ބަލާފައި، ރާއްޖެއަށް ތައްޔާރުވެވެން ޖެހޭ ހުރިހާ ހާލަތަކަށް ސަރުކާރުން ތައްޔާރުވެފައި އޮތް ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެން،" އޭނާ ވިދާޅުވި އެވެ.