02 Feb 2020, 12:35
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތަމްޓޮން ފަސޭހަކަމާ އެކު ބަލިކޮށް ލިވަޕޫލް އެއްވެސް މެޗަކުން ބަލިނުވެ އައުމުގެ ސިލްސިލާއަށް ބޮޅެއް އިތުރު ކުރި އިރު އެއްވަނައިގައި 22 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުން ސައުތަމްޓޮންގެ މައްޗަށް ލިވަޕޫލުން ކުރި ހޯދީ 0-4ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެ މޮޅާ އެކު ލިވަޕޫލް ތާވަލުގެ އެއްވަނާގައި އޮތީ 25 މެޗުން 73 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމުގެ ފަހަތުން ދެވަނާގައި އޮތް މެންޗެސްޓާ ސިޓީ އޮތީ 22 ޕޮއިންޓް ފަހަތުގައި، 24 މެޗުން 51 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނާގައި އޮތް ލެސްޓާ ސިޓީއަށް ލިބިފައި ވަނީ 49 ޕޮއިންޓް އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ސައުތަމްޓޮން ކުޅުނު މެޗުގައި ސަލާހް ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ ފޮޓޯ// ގާއީ އެޓިންކްސަން
މިފަހަރުގެ ލީގުގައި މިހާތަނަށް އެއްވެސް މެޗަކުން ބަލިނުވެ އިންވިންސިބަލް ތަށްޓެއް ހޯދުމާ ގާތަށް ލިވަޕޫލުން ޖެހިލައިފައި ވާއިރު ރޭގެ މެޗުން ލިބުނު މޮޅާ އެކު އެ ޓީމަށް ވަނީ ރެކޯޑެއް ގާއިމު ކުރެވިފަ އެވެ. ލީގުގައި ރޭ ލިވަޕޫލުން ނެގި 22 ޕޮއިންޓްގެ ލީގަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް ޓީމެއް އެއްވަނާގައި ނެގި އެންމެ ބޮޑު ލީޑެވެ. އަދި އެ މޮޅާ އެކު ލިވަޕޫލް ވަނީ މިދިޔަ އަހަރުގެ ލީގާ އެކު ބަލިނުވެ 42 މެޗު ހަމަކޮށްފަ އެވެ.
ލިވަޕޫލަށް މިފަހަރުގެ ލީގު ކާމިޔާބު ކުރުމަށް ބޭނުންވަނީ ބާކީ ހަތް މެޗެވެ. މީގެ 30 އަހަރު ކުރިން އެންމެ ފަހުން ލީގު ކާމިޔާބު ކުރި ލިވަޕޫލްއަށް މިދިޔަ ސީޒަނުގައި ވެސް ލީގު ގެއްލުނީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ.
ރޭގެ މެޗު ފެށިގެން ގިނަ ހަމަލާތައް އުފައްދާ މޮޅަށް ކުޅުނީ ލިވަޕޫލުންނެވެ. އެކަމަކު ސައުތަމްޓޮނުން ވަނީ ފުރަތަމަ ހާފުގައި ލިވަޕޫލަށް ގޯލެއް ޖެހުނަ ނުދީ ހިފަހައްޓާލައިފަ އެވެ.
ލިވަޕޫލަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ ދެވަނަ ހާފުގެ ދެވަނަ މިނަޓުގެ ތެރޭގައި އޮކްސަލޭޑް ޗެމްބަލޭން އެވެ. އޭގެ އިރަކޮޅެއް ފަހުން ލިވަޕޫލުގެ ކެޕްޓަން ޖޯޑަން ހެންޑަސަންގެ ގޯލުން އެ ޓީމު ލީޑު ފުޅާ ކުރި އިރު މެޗުގެ 72 ވަނަ މިނަޓުގައްޔާއި 90 ވަނަ މިނަޓުގައި ގޯލު ޖަހައިދިނީ އެ ޓީމުގެ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް އެވެ.
މީގެ އިތުރުން ވެސް ލީގުގައި ރޭ ވަނީ ފޯރިގަދަ މެޗުތަކެއް ކުޅެފަ އެވެ. އެގޮތުން ރޭ ލެސްޓާސިޓީއާއި ޗެލްސީ ބައްދަލު ކުރި މެޗު 2-2 އިން އެއްވަރުވި އިރު ވުލްވްސްއާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރި މެޗު ވަނީ 0-0 އިން އެއްވަރުވެފަ އެވެ.