02 Feb 2020, 09:52
ސްޕެނިޝް ލީގުގެ ގަދަ ކުރިމަތިލުމެއް ކަމަށްވާ މެޑްރިޑް ޑާބީ ކާމިޔާބުކޮށް ރެއާލް މެޑްރިޑުން އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
މެޑްރިޑްގެ ސަންޓިއާގޯ ބާނެބިއު ސްޓޭޑިއަމުގައި ރޭ ކުޅުނު ވާދަވެރި މެޗުގައި އެތުލެޓިކޯ މެޑްރިޑް އަތުން ރެއާލް ކުރި ހޯދީ 0-1ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު އެ ޓީމު ވަނީ ކުޅުނު 22 މެޗުން ލިބުނު 49 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. ރެއާލާއި އެންމެ ގާތުން ދެން ވާދަކުރާ ބާސެލޯނާއަށް 21 މެޗު ކުޅެގެން ލިބެނީ 43 ޕޮއިންޓް އެވެ. އެކަމަކު މިރޭ ލެވަންޓޭއާ ދެކޮޅަށް އެ ޓީމު ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ފަރަގު ކުޑަ ވާނެ އެވެ.
ރޭގެ މެޗުން ބަލިވި އެތުލެޓިކޯ މެޑްރިޑް މިވަގުތު އޮތީ 36 ޕޮއިންޓާ އެކު ތާވަލުގެ ހަވަނައިގަ އެވެ. ސީޒަން ފެށުމުގެ ކުރިން ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން އެހެން ޓީމުތަކަށް ދިއުމުން އެތުލެޓިކޯއިން ވަނީ ޓީމު ވަރުގަދަ ކުރުމަށް ބޮޑެތި ހަރަދުތަކެއް ކޮށްފަ އެވެ. އެކަމަކު މި ސީޒަނުގައި އެތުލެޓިކޯގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް މިހާތަނަށް ދެއްކިފައެއް ނުވެ އެވެ.
މިފަހަރުގެ ސްޕެނިޝް ސުޕަ ކަޕުގެ ފައިނަލުގައި ވެސް ވާދަކުރި ރެއާލާއި އެތުލެޓިކޯ ރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ޖުމުލަކޮށް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ސުޕަ ކަޕުގައި ވެސް ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމުން ކުރެން އެއްވެސް ޓީމަކަށް ގޯލުޖެހިފައި ނުވާ އިރު ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ރޭގެ މެޗުގައި ރެއާލުން ލީޑު ނެގީ ދެވަނަ ހާފުގެ 56 ވަނަ މިނަޓުގަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ކަރީމް ބެންޒީމާ އެވެ. މި ސީޒަން ފެށުނު ފަހުން ތަފާތު ފޯމެއްގައި ހުރި ބެންޒީމާ ވަނީ ލީގުގައި މިހާތަނަށް 13 ގޯލު ޖަހައިފަ އެވެ.
އެ މެޗުން ލިބުނު މޮޅާ އެކު ޒައިނުއްދީން ޒިދާންގެ ރެއާލް ވަނީ ލީގުގެ 13 މެޗު ވިދިވިދިގެން ބަލިނުވެ ހިފަހައްޓާލައިފަ އެވެ. އަދި އިތުރު މުބާރާތްތަކާ ލައިގެން އަންބީޓެން ރަން ވަނީ 21 އަށް އަރައިފަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޒިދާން ބުނީ ފުރަތަމަ ހާފުގައި ރެއާލްގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެއް ކަމަށެވެ. އެހެން ކަމުން ދެވަނަ ހާފުގައި ބަދަލުތަކެއް ކުރަން ޖެހުނު ކަން ފާހަގަވި ކަމަށެވެ.
"ފުރަތަމަ ހާފުގައި ފެނުނު ކުޅުމާ ދޭތެރޭ ހިތްހަމައެއް ނުޖެހޭ. އެކަމަކު އެއީ ކުޅުންތެރިންގެ މައްސަލައެއް ނޫން. އެކަމުގެ ޒިންމާ އަހަރެން ނަގަން. އެހެންވެ ދެވަނަ ހާފުގެ ތެރޭގައި އިސްކޯއާއި ކްރޫސް ބަދަލު ކުރީ. އެކަމުން ފައިދާ ނެގުނު." ޒިދާން ބުންޏެވެ.