04 Dec 2011, 12:55
ޖަޒީރާ ގައުމެއް ކަމަށްވާ ސޭންޓް ލޫސިއާއާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފި އެވެ. ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއާ އެ ގައުމާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރީ މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ނިއުޔޯކްގައި އޮތް ރަސްމިއްޔާތެއްގައި ކަމަށެވެ.
ސޭންޓް ލޫސިއާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރުމުގެ އެއްބަސްވުމުގައި އެގައުމުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮނޭޓަސް ކެއިތު އެސްޓީ އައިމީ އެވެ. އަދި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އަބުދުލް ޣަފޫރު މުހައްމަދެވެ.
ކެރީބިއަން ސަރަހައްދުގައި އޮންނަ ސޭންޓް ލޫސިއާއަކީ ބަރުލަމާނީ ޑިމޮކްރަސީއެއް އޮންނަ ގައުމެކެވެ. ނަމަވެސް އެ ގައުމަކީ އިނގިރޭސިވިލާތުގެ ދަށުގައި އޮންނަ ގައުމެކެވެ. ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެ ގައުމުގައި ބޭއްވި އާއްމު އިންތިހާބަށް ފަހު އެގައުމުގެ ބޮޑުވަޒީރަކަށް ވެވަޑައިގަތީ ކެނީ އެންތަނީ ނަމަކަށް ކިޔާ ބޭފުޅެކެވެ. އެއީ 17 މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ގައުމުގެ ޕާލަމެންޓްގެ މެޖޯރިޓީ ލިބުނު ލޭބަ ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ.
ސޭންޓް ލޫސިއާއާއި ރާއްޖެއާ ދެމެދު ކުރިން ރަސްމީ ގޮތުން ސިޔާސީ ގުޅުން ގާއިމްކޮށްފައި ނުވި ނަމަވެސް ދެ ގައުމުގެ ދެމެދުގައި ގާތް ގުޅުން އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވެއެވެ.
އެގޮތުން ކުދި ޖަޒީރާ ގައުމުތަކުގެ އިއްތިހާދުގެ ތެރެއިން އެ ގައުމާއި ރާއްޖެ ގުޅިގެން މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓަށް ލިބެމުންދާ ގެންލުންތަކުގެ މައްސަލައިގައި ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.
ސޭންޓްލޫސިއާއަކީ ރާއްޖެއާ ސިޔާސީގުޅުން ގާއިމްކުރި 161 ވަނަ ގައުމެވެ.