ދިއްލީ (ފެބްރުއަރީ 2): އިންޑިއާގެ ކެރެލާގައި އިތުރު މީހަކު ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެ އެވެ. އެއީ އެގައުމުން ވައިރަސް ފެނުނު ދެވަނަ ފަހަރެވެ.

އިންޑިއާގެ ޔޫނިއަން ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައި ވަނީ ޗައިނާއަށް ދަތުރުކޮށްފައިވާ މީހެކެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށާއި އޭނާއަށް ފަރުވާ ދެމުންދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކެރަލާގައި މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވިކަން ފުރަތަމަ އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ. އެމީހާއަކީ ވޫހާން ޔުނިވާސިޓީގެ ދަރިވަރެއް ކަމަށާއި އޭނާއަށްވެސް އައިސޮލޭޝަން ވޯޑުގައި ފަރުވާ ދެމުންދާ ކަމަށް އިންޑިއާއިން ވަނީ ކުރިން ބުނެފަ އެވެ.

ކޮރޯނާވައިރަސް ފުރަތަމަ ފެނުނު ޗައިނާގެ ވޫހާންގައި ތިބި އިންޑިއާގެ 324 މީހަކު އެގައުމުން ވަނީ އަނބުރާ ދިއްލީއަށް ގެންގޮސްފަ އެވެ. އަދި އެ މީހުން ދެ ހަފްތާ ވަންދެން ކަރަންޓީނު ކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް މީހަކު އަދި ވައިރަސްއަށް ޕޮޒިޓިވް ނުވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާގައި ފެތުރެން ފެށި ކޮރޯނާވައިރަސްގެ ސަބަބުން މިހާތަނަށް 304 މީހަކު ވަނީ މަރުވެފަ އެވެ. އަދި އެ ވައިރަހުގެ ސަބަބުން އިއްޔެ ޗައިނާއިން ބޭރުގައި ފުރަތަމަ ފަހަރަށް މީހަކު ވަނީ މަރުވެފަ އެވެ. އެއީ މިދިޔަ މަހުގެ 21ގައި ވޫހާންއިން ފިލިޕީންސްއަށް ދިޔަ 44 އަހަރުގެ ޗައިނާގެ ފިރިހެނެކެވެ. އެގައުމުގައި ޗައިނާގެ އިތުރު އަންހެނަކު ވެސް ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފަ އެވެ.

ދުނިޔޭގެ 25 ގައުމެއްގައި މިހާރު 14،551 މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާ އިރު، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ އެއީ ސިއްހީ ކުއްލި ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.