އައިފިލްމްސް ޕްރޮޑަކްޝަންގެ ދަށުން ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ނެރޭ ދެވަނަ ފިލްމު "ނީނާ"ގެ ޝޫޓިން އިއްޔެ ފަށައިފި އެވެ.

ފިލްމުގެ ޝޫޓިންގެ ފުރަތަމަ ބައި ނެގުމަށް ހަމަޖެހިފައިވަނީ މާލޭގަ އެވެ.

އެ ފިލްމުގެ ބޮޑު ބައެއް ޝޫޓުކުރުމަށް ހަމަޖެހިފައިވަނީ ލ. އަތޮޅުގެ ގުޅިފައިވާ ތިން ރަށް ހިމެނޭ ސަރަހައްދުގަ އެވެ.

މިދިޔަ އަހަރު ނެރުނު ސައިކޮލޮޖިކަލް ތްރިލާ "ބަވަތި"ގެ ކާމިޔާބީއަށްފަހު ދެވަނަ ފީޗާ ފިލްމު ނީނާގެ ލީޑްރޯލަށްވެސް ނަގާފައިވަނީ ބަވަތިގެ ލީޑް ތަރި ނުޒުހަތު ޝުއައިބެވެ. އޭގެ އިތުރުން ނީނާއިން ދިވެހި ފިލްމު އިންޑަސްޓްރީއަށް މުޅީން އާ މޫނެއް ލީޑު ރޯލުން ތައާރަފުކުރާނެއެވެ. އެއީ ޝަރަފު އަބްދުﷲ އެވެ. އޭގެ އިތުރުން ފިލްމު އިންޑަސްޓްރީގައި މިވަގުތު އެންމެ މަގުބޫލު އެއް އެކްޓަރު ކަަމަށްވާ ޖުމައްޔިލް ނިމާލްވެސް ނީނާގެ ލީޑުން ފެނިގެންދާނެއެވެ.

އެ ތަރިންގެ އިތުރުން ފިލްމުން ފެނިގެންދާނީ ހަމްދާން ފާރޫގު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، އައިޝާ އަލީގެ އިތުރުން މަރިޔަމް ޝަކީލާ އާދަމްއެވެ.

އިއްލެ ބުނިގޮތުގައި އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުގައި ބޮޑަށް ހިމެނޭނީ ބަވަތި ފިލްމުގެ ޕްރޮޑަކްޝަނުގައި ހިމެނޭ ފަރާތްތަކެވެ.

މިއަހަރު ނެރުމަށް ހަމަޖެހިފައިވާ ނީނާގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ. ނީނާ ފިލްމުގެ އިތުރު ސްޕިންސަރުންގެ ތެރޭގައި ދިރާގު ޓީވީ އާއި އަސްކަން ސްޕޯޓްސްވެއާ އާއި ބާރ ކޮންސެޕްޓް ހިމެނެ އެވެ. މުނިއަވަސްއަކީ އޮންލައިން މީޑިއާ ޕާޓްނަރެވެ.