02 Feb 2020, 08:57
އުފެއްދުންތެރި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ފަންޑެއް ތައާރަފުކޮށްފި އެވެ.
ހޮޓެލް ޖެންގައި މިރޭ ބޭއްވި ހަފްލާއެއްގައި އެ ފަންޑު ތައާރަފުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.
ޖުމްލަ 20 މިލިއަން ރުފިޔާއާއެކު ތައާރަފުކުރި އެސްއެމްއީ އިނޮވޭޝަން ފަންޑަކީ ސަރުކާރުގެ 'ސްޓްރެޓީޖިކް' މަސައްކަތްތަކާ ގުޅޭގޮތުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ގާއިމުކުރަމުންދާ އެކި އެކި އިންވެސްޓްމަންޓް ފަންޑުތަކުގެ ތެރެއިން އެއް ފަންޑެވެ.
މި ފަންޑާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ މި ފަންޑުން ޓެކްނޮލިޖީގެ އެކި ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. އެގޮތުން އެ ރޮގުތަކުން އަލަށް ފަށާ ވިޔަފާރިތަކަށް މާލީ އެހީ ދިނުމަކީ އެ ފަންޑުގެ އަމާޒު ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މި ސޮސައިޓީއަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތަކަށް ޓެކްނޮލިޖީ އެބަ ބޭނުންވޭ. އޭގެ ތެރެއިން ވެސް ފާހަގަކޮށްލާނަން އާޓްސް އެންޑް ކަލްޗާގެ ދާއިރާއިން އުފެއްދުންތެރި ޓެކްނޮލޮޖީ އެބަ ބޭނުންވާ. އާޓްސް އެންޑް ކަލްޗާ ކުރިއަރުވައި، އަޅުގަނޑުމެންގެ ތާރީހާ އާދަކާދަތަކާ އާސާރީ ތަކެތި ރައްކާތެރިކޮށް ވަޔަބަލް [ދެމެހެއްޓެނިވި] ގޮތެއްގައި ކުރިއަށް ގެންދަން." މިނިސްޓަރު ވިދާޅުވި އެވެ.
އާޓްސް އެންޑް ކަލްޗާގެ އިތުރުން އެސްއެމްއީ އިނޮވޭޝަން ފަންޑުން އިންވެސްޓުކުރާ އެހެން ދާއިރާތަކުގެ ތެރޭގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލިޖީ، ސިއްހަތު، ދަނޑުވެރިކަން، އަދި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ވިޔަފާރިތައް ހިމެނެ އެވެ.
މި ފަންޑުން އަލަށް ފަށައިގަންނަ ވިޔަފާރިތަކުގެ އިތުރުން ޅަފަތުގައި ހުރި ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންގޮސްދިނުމަށް އެހީތެރިވެދޭން ވަނީ ނިންމައިފަ އެވެ.
މިކަން ކުރުމަށްޓަކައި އެމްއެފްއެމްސީން ކުރާ ވިޔަފާރިތަކަށް ލޯނު ދިނުމުގެ ބަދަލުގައި އިންވެސްޓް ކުރާނީ އިކުއިޓީގެ ގޮތުގަ އެވެ. އެއާއެކު އެމްއެފްއެމްސީން ހަރަކާތްތެރިވަމުން ދާނީ އިންވެސްޓުކުރާ ކުންފުނިތަކުގެ ޕާޓްނަރެއްގެ ގޮތުގަ އެވެ.
މިރޭ އެސްއެމްއީ އިނޮވޭޝަން ފަންޑު ތައާރަފްކުރި އިރު، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ފަންޑާއި އިންފްރާސްޓްރަކްޗާ އަދި އިޔާދަ ކުރަނިވި ހަކަތައަށް ހާއްސަ ފަންޑުތަކެއް އެކުލަވާލުމުގެ މަސައްކަތް ވެސް ވަނީ ފެށިފަ އެވެ.