01 Feb 2020, 23:03
މިހާރު ހަލުވި ކަމާއެކު ދުނިޔޭގެ އެކި ތަންތާގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަހަށް ހޭލުންތެރިކުރުމުގެ ގޮތުން މުޅި ރާއްޖޭގައި މައުލޫމާތު ދިނުމުގެ ޝެެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
މިރޭ ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، މިހާތަނަށް އައި އިރު މައުލޫމަތު ދެމުން އައީ ސިއްހީ ހިދުމަތް ދެމުން އަންނަ ތަންނާއި ފަތުރުވެރިކަމުގެ ހިދުމަތް ދެމުން އަންނަ ތަންނަށް ކަމަށެވެ. ނަމަވެސް މިހާރު މިނިސްޓްރީގެ އަމާޒަކީ، މުޅި ރާއްޖޭގައި ވެސް މި ވައިރަސްއާ ގޫޅޭ މައުލޫމަތު ދިނުން ހަރުދަނާ ކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފެށިގެން އެ ބަލީގެ މައުލޫމާތު ދިނުމުުގެ ހަރަކާތެއް ރޭވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިއަދު މަސައްކަތް މި ފެށީ އަތޮޅު ތެރޭގައި އިންތިޒާމް ކުރެވިފައިވާ ހަަރަކާތްތަކުގެ ތެރެއިން ހުރިހާ ރައްޔިތުނަށް މައުލޫމަތު ޝެޝަންތަކެއް ހިންގުމަށް. ތިން ދުވަސްތެރޭ އެކޮށް ނިމާލެވޭނެ ކަމުގެ އުންމީދުގައި މި މަސައްކަތް މި ފަށަނީ،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މައުލޫމަތު ޝެޝަންތައް ކުރިއަށް ގެންދާނީ، އެ އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލުންނާއި މިނިސްޓްރީގެ އޮފިޝަލުން ރަށްރަށަށް ފޮނުވައިގެން ކަމަށެވެ.
އެ ހަރަކާތާ ގުޅޭ ތަފްސީލީ މައުލޫމަތު މާދަމާ އާންމު ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ދުނިޔޭގެ 20 އަށް ވުރެ ގިނަ ގައުމުތަކުން މި ވައިރަސް ފެނިފައިވީ ނަމަވެސް، އަދި މިހާތަނަށް ރާއްޖެއިން މި ބަލި ފެނިފައެެއް ނުވެ އެވެ. ނަމަވެސް، ޗައިނާއިން ރާއްޖެ އައި ތިން ދިއްވެސަކު ވަނީ ކޮރޯނާ ވައިރަސް އަށް ޓެސްޓް ކުރުމަށް، ފުނަދޫގައި އެކަހެރިކޮށްފަ އެވެ. އެ މީހުންގެ ލޭގެ ސާމްޕަލްތައް ވަނީ ޓެސްޓް ކުރުމަށް އިންޑިއާގެ ޕޫނޭގައި ހުންނަ ލެބަކަށް ފޮނުވައިފަ އެވެ.
އެކަހެރި ކުރި ތިން މީހުންގެ ހާޅުވެސް މިހާރު ރަނގަޅު ކަމަށާއި ކުރިން ފެނުނު އަލާމާތްތައް މިހާރު ނުފެންނަ ކަމަަށް އަމީން ވިދާޅުވި އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 10،000 ވުރެ ގިނަ މީހުން ކޮރޯނާއަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. މަރުވި މީހުންގެ އަދަދު ވަނީ، 258 އަށް ވަނީ އަރާފަ އެވެ.