04 Dec 2011, 11:30
ޓުއަރިޒަމްގެ ގާނޫނަށް އައި ބަދަލަކާއި ގުޅިގެން ދ. އެނބޫދޫފުއްޓާއި އޮޅުވެލީގެ ކުލި މޯލްޑިވްސް ޓޫރިރަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ބޮޑު ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން އެ ގޮތަށް ހުކުމް ކޮށްފައިވަނީ އެމްޓީޑީސީ އާއި އޯ ޕްލަސް އީ ހޯލްޑިންގްސް އާއި ދެމެދު ސޮއިކުރި އެގްރީމެންޓުގެ މާއްދާތަކާއި ޚިލާފަށް ކުލި ދެއްކުމަށް އެމްޓީޑީސީން އޯ ޕްލަސް އީ ހޯލްޑިންގްސް އަށް ނޭންގޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އޯ ޕްލަސް އީ ހޯލްޑިންގްސް އިން ދައުވާ ކުރި މައްސަލަ ބެއްލެވުމަށް ފަހު މިދިޔަ ބުދަ ދުވަހު އެވެ.
ދ. އެނބޫދޫފުށި އަދި އޮޅުވެލީގައި 220 އެނދުގެ ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް އެމްޓީޑީސީ އާ އޯ ޕްލަސް އީ ހޯލްޑިންގްސް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އޭޕްރީލް 2008،17 ގައެވެ.
ސިވިލް ކޯޓުގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު ކުރެއްވެވި ހުކުމްގައި ބުނަނީ އެއްބަސްވުމުގައި ކުލި އިތުރުވާނެކަމަށް ބުނެފައި ވަނީ އެނދަކަށް އަހަރަކު ދައްކައްކާ ގޮތަށް އެއްބަސްވެވިފައިވާ ކުށްޔައް ހަވާލާދީ އެކަނި ކަމަށެވެ.
އެ ނޫންގޮތަކަށް އެމްޓީޑީސީ އަށް ކުލި އިތުރު ކުރެވިދާނެ ކަމަށް އެ އެއްބަސްވުމު ގައި ބަޔާންކޮށްފައި ނުވާތީ ޓުއަރިޒަމާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުން އެ ބަދަލުގެ އަސަރު އެއްބަސް ވުމަށް ފޯރައިގެން ނުވާނެކަމަށް ވެސް ހުކުމުގައި ވެއެވެ.