ކުޅުދުއްފުށީގައި އިއްޔެ މަސައްކަތް ހުއްޓާލައިގެން ތިބި، މޯލްޑިވްސް ރޯޑް ޑިވޮލޮޕް މެންޓް ކޯޕަރޭޝަން މުވައްޒަފުން މިއަދު މަސައްކަތަށް ނުކުމެއްޖެ އެވެ.

އިތުރު ގަޑީގެ ފައިސާ ނުދޭކަމަށް ބުނެ މަސައްކަތް ހުއްޓާލައިގެން ތިބި މުވައްޒަފުން މިއަދު އެނބުރު މަސައްކަތަށް ނުކުތީ ކުންފުނިން އެ ފައިސާ ދޭނެ ކަމަށް ބުނުމުންނެވެ. މަސައްކަތް ހުއްޓައިލީ 23 މީހުންނެވެ. އެ އެންމެން ވެސް މިއަދު ވަނީ އަލުން މަސައްކަތަށް ނުކުމެފަ އެވެ. އެ އެންމެނަކީ ވެސް އެރަށު އަމީނީމަގު ހެދުމުގެ މަސައްކަތުގައި އުޅޭ މީހުންނެވެ.

ރޯޑް ޑިވޮލޮޕް މެންޓް ކޯޕަރޭޝަނުގެ ކުޅުދުއްފުށީ ސައިޓް ކޯޑިނޭޓަރު މުހައްމަދު ޖައުފަރު މިއަދު ވިދާޅުވީ އިތުރު ގަޑީގެ އެލަވަންސް ނުލިބުމުގެ ޝަކުވާ ވަރަށް ގިނައިން ކުރާ ކަމަށާއި މިދިއަ މަހުވެސް އެކަން އެގޮތަށް ދިމާވެ، ބައެއް މުވައްޒަފުން ޝަކުވާ ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އިތުރުގަޑީގެ ފައިސާގެ މައްސަލާގައި ދިވެހި 23 މުވައްޒަފަކު އިއްޔެ މަސައްކަތް ހުއްޓައިލި ނަމަވެސް އެ ފައިސާ ހަމަޖައްސައިދޭން ހެޑްއޮފީހުން ބުނުމުން މިއަދު މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އިތުރުގަޑީގެ ފައިސާ ނުލިބޭތީ އެމައްސަލަ ވަރަށް ގިނައިން ހުށައަޅާ. އެކަމާ ގުޅިގެން އިއްޔެ އެމީހުން މަސައްކަތުގައި ބައިވެރިއެއް ނުވޭ. މިހާރު ވަނީ ހެޑް އޮފީހަށް އެ މައްސަލަ ހުށައަޅައިގެން އެކަން ވެފައި އޮތް ގޮތެއް ބަލަފައި. އަދި ހެޑް އޮފީހުން އެ މައްސަލަ ހައްލުކޮށްދޭނެ ކަމަށް ބުނުމުން މިއަދު ވަނީ އެމީހުން މަސައްކަތަށް ނުކުމެފައި،" ޖައުފަރު ވިދާޅުވި އެވެ.

ސަން އޮންލައިނަށް ވާހަކަ ދެއްކި މުވައްޒަފަކު ބުނީ މަސައްކަތް ކުރުން އިއްޔެ ހުއްޓާލީ އަށް މަސް ދުވަހުގެ އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް ލިބިފައި ނުވާތީ އެ ފައިސާ ހޯދަން ޑިމާންޑު ކުރުމުގެ ގޮތުން ކަމަށެވެ.

މުވައްޒަފުން އެހެން ބުނި ނަމަވެސް ޖައުފަރު ވިދާޅުވީ އަށް މަސް ދުވަހުގެ އިތުރުގަޑީގެ ފައިސާ ނުލިބޭ ވާހަކަ އަކީ ރަނގަޅު ވާހަކެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ކޯޕަރޭޝަނުގެ ޕޮލިސީއަށް ގެނައި ބަދަލަކާއި ގުޅިގެން އިތުރު ގަޑި ނުދީ ދުވަސްތަކެއްދިޔަ ކަމަށާއި، އޭގެ ފަހުން އިތުރު ގަޑި ދިނުން ހުއްޓާލާފައި މިހާރު އޯވަޓައިމްދޭ ކަމަށެވެ.

"އޯވަޓައިމް ފައިސާ ކަންތަކަކީ ސީދާ ހެޑް އޮފީހުން ހަމަޖައްސާ ކަމެއް. އަޅުގަނޑުމެން ދަންނަވާފައިވާނެ މުވައްޒަފުންގެ އޯވާޓައިމް ފައިސާ ހޯދަން،" ޖައުފަރު ވިދާޅުވި އެވެ.

މީގެކުރިން ވެސް އެ ކުންފުނީގެ ކުޅުދުއްފުށީ މުވައްޒަފުން ވަނީ މުސާރައާއި އިނާޔަތްތަކުގެ މައްސަލާގައި މަސައްކަތަށް ނުނިކުމެ ނުރުހުން ފާޅުކޮށްފަ އެވެ.

ކުޅުދުއްފުށީގެ އަމީނީ މަގު ހަދައި ގާ އެތުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ފެށީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.