04 Dec 2011, 10:11
ދިއްލީގެ ޖަވާހިރުލާލް ނެހުރޫ ސްޓޭޑިޔަމްގައި ސަވިއޯ މެޑެއިރާގެ އެދުރުކަމުގެ ދަށުގައި ނުކުތް އިންޑިޔާގެ ޤައުމީ ފުޓްބޯޅަޓީމް އަފްޤާނިސްތާނާއި އެކު ކުޅުނު ގްރޫޕުގެ ފުރަތަމަ މެޗް 1-1 ން އެއްވަރުވެ އިންޑިޔާއަށް ހައިރާންކަން ގެނެސްދީފި އެވެ.
މުބާރާތުގައި އާދައިގެ ޓީމެއް ކަމަށް ބެލެވުނު އަފްޤާނިސްތާނުގެ ޓީމުން މެޗް ފަށައިގެން ކުޅެގަތް އަވަސް މިނާއި ކުޅުންތެރިންގެ ހަލުވިކަމުން، އިންޑިޔާއަށް މެޗްގެ ތެރެއަށް ނުވަދެވިގެން އުޅެނިކޮށް އަފްޤާނިސްތާނުގެ ބެލާލް އަރެޒޫ ފުރަތަމަ ގޯލް ކާމިޔާބުކުރިއެވެ.
އަދި މިލަނޑަށްފަހު ނަތީޖާ އެއްވަރުކުރީ ސްޓީވަންސް ޑިއަޒް ވަރަށް ފުރިހަމަ ކަމާއެކ ނެގި ކޯނަރެއް ސުނިލް ޗެތްރީ ހުނަރުވެރިކަމާއި އެކު ބޮލުންޖަހާ ގޯލަށް ވައްދާލައިގެނެވެ.
އިންޑިޔާގެ ޓީމް މި މެޗްގައި ކުޅުނީ އެމީހުން ޢާއްމުކޮށް އެތުރޭ ގޮތަށް 4-4-2 ފޯމޭޝަނުގައެވެ. މިގޮތުން ޓީމުގެ އެންމެ ކުރިއަށް ކުޅުނީ މުބާރާތް ފެށުމާއި ގާތްވަންދެން ސްކޮޓްލެންޑްގެ ގްލަސްގޯ ރޭންޖާރޒް އާއި އެކު ފަރިތަކުރި ސުނިލް ޗެތްރީ އާއި ޖޭޖޭ އެވެ. ސްޓީވަން ޑިއަޒް ކުޅުނީ ފޯވަރޑުންގެ ފަހަތުން ހަމަލާދޭ މިޑްފީލްޑަރެއްގެ ގޮތުންނެވެ. ސަޢީދު ނަބީ އާއި ގައުރަމަންގީ މޮއިރަންގްތެމް ސެންޓްރަލް ދިފާޢުގައި ތިބިއިރު މަހޭޝް ގަވާލީ ކުޅެމުން ދިޔައީ ވާތްފަރާތު އަރިމަތީ ބެކަށެވެ. ކްލައިމެކްސް ލޯރެންސް އާއި ކްލިފޯރޑް މިރެންޑާ ޓީމުގެ މެދުތެރެ ކޮންޓްރޯލް ކުރަމުންދިޔައެވެ.
އަފްޤާނިސްތާން މިމެޗުގައި އެތުރިފައިތިބީ 5-3-2 ފޯމޭޝަންއަކަށެވެ. މިގޮތުން މި ފޯމޭޝަންގައި ތިން ދިފާޢީ ކުޅުންތެރިން ކަމަށްވާ ނަމްބަރު 13 ފައިސަލް ސާކީ، ނަމްބަރު 11 މަގްދާރް އަދި ނަމްބަރު 18 ހާރޫން ފަޙްރުއްދީން ސެންޓްރަލް ދިފާޢުގައި ތިބޭއިރު ދެފަރާތު އަރިމަތިން މިޑްފީލްޑަރުންނާއި ގުޅިގެން ހަމަލާ ދިނުމަށާއި އަރިމަތީ ބެކުންގެ ގޮތުގައި ދިފާޢުކުރުމަށް 2 ކުޅުންތެރިން ތިބެއެވެ. މިގޮތަށް އެތުރުމުން އިންޑިޔާގެ ހަމަލާތަކަށް ކުރިމަތި ލުމުގައި އަފްޤާނުންނަށް ފަސޭހަވެ ކުރިއަށް ކުޅޭ އަފްޤާނުންގެ ދެ ފޯވާޑުންނަކީ ބޯޅަ ހިފެހެއްޓުމާއި ކޮއްޓުމުގެ ހުނަރުވެރިންނަށް ވުމުގެ އިތުރަށް ސްޕީޑް ބާރު ކުޅުންތެރިންނަށް ވާތީ ހަމަލާ އުފެއްދުމަށް ފަސޭހަވެއެވެ.
މިމެޗަކީ މިމުބާރާތުގައި އަދި މިހާތަނަށް ފުރިހަމަ ޕާސްތަކާއި ކުޅުންތެރިން ހުސްވާން ދުވުމުގެ މަސައްކަތްތަކަށް ބާލާއިރު ފަންނީގޮތުން ފެންވަރު ރަނގަޅު މެޗެކެވެ. އަފްޤާނިސްތާންގެ އަރިމަތީ ދެ މިޑްފީލްޑަރުން ކަމަށްވާ މުޙައްމަދު އެސްރަފީލް އާއި ވަޙީދު އަޙްމަދުގެ ބާރުދުވުމާއި ހިތްވަރު ފެނުނު މިމެޗްގައި ދެޓީމުންވެސް ހަމަލާ ދިނުމުގައި އަވަސް ކަމާއި ޓީމްތެރޭ ބޯޅަހިފަހައްޓައިގެން ހަމަލާދިނުމަށް މަސައްކަތްކުރިތަން ފެނުނެވެ. ފުރަތަމަ 30 މިނެޓް ނިމިގެންދިޔައިރު އިންޑިޔާގެ ވާތު މިޑްފީލްޑް ސްޓީވަން ޑިޔަޒްގެ ފުރިހަމަ ހުރަހެއްގައި ގޯލަށް ޖަހަން ލިބުނު ފުރުސަތެއް ކްލިފް މިރަންޑާ އަތުން ބޭކާރުވެގެން ދިޔައެވެ.
އިންޑިޔާކުޅުނު މިމެޗްގައި ސްޓޭޑިޔަމްގެ ބޮޑުބައި ހުސްކޮށް އޮތުމުން ދިއްލީގައި ފުޓްބޯޅައަށް ތަރުޙީބުހުރި މިންވަރު ފާހަގަކުރެވިގެން ދިޔައެވެ. އަދި އަމިއްލަ ރަށުގައި ސަޕޯޓަރުން މަދުކަމާއިއެކު ބީރައްޓެހިންގެ އުސޫލުން ކުޅުނު އިންޑިޔާ ބަލިނުވެ ސަލާމަތްވިކަމީ އެޓީމުގެ ނަސީބެވެ. ދެވަނަ ހާފްގެ ކުޅުމުގައި އިންޑިޔާއިން މެޗްތެރެއަށްވަދެ އަފްޤާނުންނަށް ނުރައްކާ ކުރަމުންދިޔުމުގައި 56 ވަނަ މިނެޓްގައި ކްލައިމެކްސް ލޯރެންސްގެ ފުރިހަމަ ހުރަހެއް ސުނިލް ޗެތްރީ ގޯލާއި ވަރަށް ކައިރިން ބޭރަށް ޖަހާ އިރު ކޮޅެއްފަހުން ސުނިލް ޗެތްރީ ނެގި ހުރަހަކުން ކްލިފޯޑް މިރެންޑާއަށް ގޯލެއް ކާމިޔާބުކުރުމުގެ ފުރުސަތު ލިބިފައިވަނިކޮށް އަފްޤާނުންގެ ދިފާޢުގައި ހުރި މޮގަދަރް ފާއިޒުއްލާ އެފުރުސަތު ދިފާޢުކުރިއެވެ.
މެޗްގެ 66 ވަނަ މިނެޓްގައި ޖޭޖޭއަށް ބޮލުން ގޯލަށް ހަމަލާދިނުމަށް ލިބުނު ފުރުސަތު ވެސް ދިޔައީ ބޭކާރުވެގެނެވެ. މީގެއިތުރަށް މެޗް ނިމެމުންދަނިކޮށް ސުނިލް ޗެތްރީ ޖޭޖޭއަށް ހުޅުވައިދިން ފުރުސަތެއްގައި ގޯލަށް ފޮނުވާލިބޯޅަ އަފްޤާނުންގެ ކީޕަރ ހަމީދުއްﷲ ޔޫސުފްޒާރީ ހުޝިޔާރު ކަމާއި އެކު މަތަކުރި ފަހުން އަފްޤާނުންނަށް މެޗުން މޮޅުވުމުގެ ފުރުސަތެއް ލިބި އެޓީމުގެ ސަންޖާރު އަޙްމަދީ އިންޑިޔާގެ ގޯލަށް ފޮނުވާލި ނުރައްކާތެރި ހަމަލާ ކީޕަރ ކަރަންޖީތް ސިންގް މަތަކުރިއެވެ.
މިމެޗްގައި ފާހަގަ ކުރެވުނީ އަފްޤާނުންގެ ފޯވާޑުންގެ ހަލުވިކަމާއި އެޓީމުން ޕާސްކުރަމުންދިޔަ ފަރިތަކަމެވެ. އަދި އިންޑިޔާގެ ތަޖުރިބާ ކާރު ދިފާޢީ ކުޅުންތެރިންނަށް އަފްޤާނުންގެ މިޑްފީލްޑަރުން ކުރަމުންގެންދިޔަ އަމާޒަށް ވާޞިލުވާ ޕާސްތައް މައިތިރި ކުރުމުގައި ދަތިވަމުން ދިޔަތަނެވެ. އަފްޤާނިސްތާން ޓީމު ވޭތުވެދިޔަ ދުވަސްތަކުގައި ކުރިއަރާފައިވާ މިންވަރު އެންމެ ބޮޑަށް ހާމަވެގެންދިޔައީ އިންޑިޔާގެ ހަމަލާތައް ދިފާޢުކުރުމުގައި ދިފާޢީކުޅުންތެރިން ކުރިމަތިލާ ފުރިހަމަގޮތާއި އެހަމަލާތަކުން އަފްޤާނުންނަށް ލިބޭބޯޅަ ޓީމްތެރޭ ހިފެހެއްޓުމަށް ބޭނުންކުރަމުން ދިޔަ ހުނަރުވެރިގޮތެވެ.