22 Jun 2010, 10:33
14:30
ކަނެކްޓް ޔޯ ލައިފްގެ ނަމުގައި ދިރާގުން ކެމްޕެއިނެއް ފަށައިފި އެވެ.
ދިރާގުން މިއަދު ފެށި މި ކެމްޕެއިނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަން މެނޭޖަރ މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މިއީ ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ކެމްޕެއިނެއް ކަމަށާއި މި ކެމްޕެއިންގެ ދަށުން ދިރާގު ކަސްޓަމަރުންނަށް ތަފާތު އާ ޚިދުމަތްތަކެއް ކުރިއަށް އޮތް ތަނުގައި ލިބެމުންދާނެ ކަމަށެވެ. އެހެން ނަމަވެސް އެ ޚިދުމަތްތަކާ ބެހޭ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ދިރާގުން "ކަނެކްޓް ޔޯ ލައިފް"ގެ ނަމުގައި ފެށި މިކެމްޕެއިންގެ އެމްބެސަޑަރުންގެ ގޮތުގައި މިފަހަރު ތިއްބެވި ތިން ފަރާތަކީ އެންމެ ފުޅާދާއިރާއެއްގައި ރާއްޖޭގައި ވިޔަފާރި ކުރަމުންދާ އެސްޓީއޯ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ އާއި، މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހިމް ފަޒީލާއި އަދި މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ އެވެ. އެމްބެސަޑަރުންނާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން މިރުޝާން ވިދާޅުވީ އެމްބެސަޑަރުން ހޮވުމުގައި ބަލާފައި ވަނީ އެ ދާއިރާއެއްގައި އެންމެ މަގުބޫލު އެއް ފަރާތަކަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ތަފާތު ދާއިރާ ތަކުން ބޭފުޅުން އެމްބެސަޑަރުންގެ ގޮތުގައި ދިރާގުން ބޭނުން ކުރަމުންދާނެ ކަމަށް ވެސް މިރުޝާން ވިދާޅުވި އެވެ.