ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހްމަދު ހިޝާން ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިޔާ ޒާހިރު "ސަން" އަށް ވިދާޅުވީ ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށްޓަކައި ޖެނުއަރީ 31 ވަނަ ދުވަހު ހިޝާން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް މައްސަލައިގެ އެއްވެސް ތަފްސީލެއް ފުލުހުން ހިއްސާ ނުކުރެ އެވެ.

ސުވާލު ކުރުމަށްޓަކައި ހިޝާން ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާއިރު، ހިޝާންއަށް މަރުގެ އިންޒާރުދީ ބަޔަކު ބިރުދެއްކި މައްސަލައިގެ ތަހުގީގަށް އޭނާގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ވެސް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ.

މި މަހުގެ 20 ވަނަ ދުވަހު މަގުމަތީގައި ހުއްޓައި ބަޔަކު ހިޝާން އަށް މަރުގެ އިންޒާރު ދިން ކަމަށް އޭނާ މީގެ ކުރީން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު މިރޭ ވިދާޅުވީ ހިޝާން އަށް ބިރު ދެއްކި މައްސަލައިގައި އޭނާއަށް ބިރު ދެއްކި މީހުން ހޯދުމަށްޓަކައި ކަން ހިނގި ތަނާއި މަގާއި ބިރު ދެއްކި ފަރާތް ފާހަގަކުރުމަށް އަދި ކަން ހިނގާދިޔަ ގޮތް ސާފުކުރުމަށް ތަކުރާރުކޮށް ފުލުހުން ވަނީ ގުޅާފައި ކަމަށެވެ.

ފުލުހުން އެހެން ބުނި ފަހުން ހިޝާން ކުރި ޓުވީޓެއްގައި އެކަން ވަނީ ދޮގުކޮށްފަ އެވެ. އަދި އިއްޔެ ވެސް އޭނާ ފުލުސް އޮފީހަށް ހާޒިރުވި ކަމަށާއި ފުލުހުން މަސައްކަތް ކުރާ ގޮތާ މެދު ހިތްހަމަޖެހޭ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.