31 Jan 2020, 21:14
ލަންޑަން (28 ޖަނަވަރީ 2020) : އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވެއްޖެއެވެ. އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުގެ ކަންތައް ނުވަތަ "ބްރެކްސިޓް" ކޮޅެއްގައި މިޖެހުނީ މިކަމާބެހޭ އެއްބަސްވުމަށް އިނގިރޭސި ޕާލަމެންޓުން ރުހުން ދިނުމާއެކު ޔޫރަޕިއަން ޕާލަމެންޓުންވެސް އެ އެއްބަސްވުން ތަސްދީގު ކުރުމާއެކު އޭގެ ސުންގަނޑި ޖެހުމުންނެވެ.
އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުގެ އެއްބަސްވުމުގައިވަނީ މިއަދު (31 ޖަނަވަރީ 2020) ގެ ނިޔަލަށް އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވާނެކަމަށާ އެއަށްފަހު އިނގިރޭސިވިލާތަކީ ޔޫރަޕްގެ އިއްތިޙާދުގައި ހިމެނޭ ގައުމެއް ނޫންކަމުގައެވެ. އިނގިރޭސިވިލާތް ޔޫރަޕްގެ އިގްތިސާދީ މުޖްތަމައުން މިވަކިވީ 47 އަހަރުގެ ދިގު ތާރީޚަކަށް ފަހުގައެވެ.
އެންމެ ފުރަތަމަ އިނގިރޭސިވިލާތް ޔޫރަޕިއަން އިކޮނޮމިކް ކޮމިއުނިޓީ (އީއީސީ) އާ ރަސްމީގޮތުން ގުޅުނީ 1973 ގައެވެ. ނަމަވެސް ދެވަނަ ބޮޑުހަނގުރާމައަށްފަހު ބިމާހަމަވި ޔޫރަޕްގެ އިގްތިސާދު ގުޅިގެން އަލުން ބިނާކޮށް އާރާސްތު ކުރުމަށްޓަކައި 1957 ގައި ޔޫރަޕްގެ ގައުމުތަކުން ސޮއިކުރި ރޯމް މުއާހަދާގައިވެސް އިނގިރޭސިވިލާތް ބައިވެރިވެފައިވެއެވެ. ޔޫރަޕިއަން އިކޮނޮމިކް ކޮމިއުނިޓީ (އީއީސީ) އުފެދުނީ ރޯމް މުއާހަދާގެ ދަށުންނެވެ. އެއަށްފަހު ޔޫރަޕިއަން އިކޮނޮމިކް ކޮމިއުނިޓީ، ޔޫރަޕްގެ ކޮމަންމާކެޓްގެ ގޮތުގައި ތަޢާރަފްވެގެން ދިޔުމަށްފަހު 1993 ގައި ބަދަލުވީ ޔޫރަޕްގެ އިއްތިޙާދަށެވެ. އެހެންކަމުން އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވެފައި މިވަނީ ދިގު ތާރީޚަކަށް ފަހުގައެވެ.
އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުގެ ކަންތައް މިހާރު ނިމުމަކަށް އައިސް އީޔޫގެ މެންބަރުކަމުން އިނގިރޭސިވިލާތް ވަކިވެފައިވީ ނަމަވެސް އަންނަ ޑިސެމްބަރު 31 އާ ހަމައަށް މިކަމުގެ އިންތިގާލީ މަރްހަލާއެއް އޮންނާނެއެވެ. މި މަރްހަލާގައި އީޔޫ އާއި އިނގިރޭސިވިލާ ދެމެދުގައިވާ ގުޅުންތައް އިންތިގާލީ އުސޫލުން އަދި ދެމިއޮންނާނެއެވެ. އެއީ ދެފަރާތް ވަކިވުމުން ކުންފުނިތަކަށާއި ރައްޔިތުންގެ ދިރިއުޅުމަށް މިކަމުން ކުރާނެ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައެވެ.
މި އިންތިގާލީ މަރްހަލާގައި އިނގިރޭސިވިލާތް ވިޔަފާރީގެ ބައިވެރިންގެ ގޮތުގައި އެނޫން ގައުމުތައް ހޯދާނެއެވެ. އަދި ޔޫރަޕްގެ ގައުމުތަކުގެ ރައްޔިތުންނަށް އިނގިރޭސިވިލާތުން ލިބޭ އިމްތިޔާޒްތަކާއި އިނގރޭސި ރައްޔިތުންނަށް ޔޫރަޕްގެ ގައުމުތަކުން ލިބިދޭ އިމްތިޔާޒްތައް ނިމުމަކަށް އަންނާނެއެވެ. މިމުއްދަތުގެ ތެރޭގައި ޔޫރަޕްގެ އިއްތިޙާދުގެ ހުރިހާ މުއައްސަސާއަކުން އިނގިރޭސިވިލާތް ވަކިވެގެންދާނެއެވެ.
އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުގެ ކަންތައް ނިމިގެން މިދިޔައީ އެކަމާބެހޭ އެއްބަސްވުން ގަބޫލުކުރުމަށް އިނގިރޭސި ޕާލަމެންޓުން އެތަށްފަހަރަކު ދެކޮޅު ހެދުމާއެކު އެކަންކުރެވޭނެ ގޮތެއް ނެތިގެން އިނގިރޭސިވިލާތުގައި އަވަސް އިންތިޚާބެއް ބައްވައިގެން އައު ޕާލަމެންޓެއް އިންތިޚާބު ކޮށްގެންނެވެ. އަލަށް އިންތިޚާބުކުރި އިނގިރޭސި ޕާލަމެންޓް ނުވަތަ ހައުސް އޮފް ކޮމަންސްގެ އަޣްލަބިއްޔަތު ލިބިފައިވަނީ އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް ތާއީދުކުރާ ފަރާތްތަކަށެވެ.
އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް ނިންމީ އެކަން އެގޮތަށްކުރުމުން އިނގިރޭސިވިލާތަށް މާ ފައިދާވާނެކަމާއި އިނގިރޭސިވިލާތަށް މާބޮޑަށް މިނިވަންކަން ލިބި އަމިއްލަވަންތްކަން ލިބިގެންދާނެކަމަށް އިނގިރޭސި ގައުމީ ފިކުރުގެ ސިޔާސީ ލީޑަރުން ރައްޔިތުންނަށް ވިސްނައިދިނުމާ ގުޅިގެން އެކަމާމެދު ރައްޔިތުން މެދުގައިނެގި ފެންނަ ނުފެންނަ ވޯޓަކުންނެވެ. ނަމަވެސް އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުން އިނގިރޭސި ދައުލަތަށް ލިބެނީ ފައިދާކަން ނުވަތަ ގެއްލުންކަން އެނގިގެން ދިޔުމަށް މަދުވެގެން ދެއަހަރެއްހާ ދުވަސް ނަގާނެކަމަށް ތަޖްރިބާކާރުން ދެކެއެވެ.
އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް ނިންމި ނިންމުގެ ސަބަބުތަކުގެ ތެރޭގައި ޒަމާނުއްސުރެ އިނގިރޭސިވިލާތާ ވާދަވެރި ގައުމުތައް ކަމަށްވާ ޖަރުމަނާއި ފަރަންސޭސިވިލާތުގެ ބާރާއި ނުފޫޒު އިނގިރޭސިވިލާތަށްވުރެ ޔޫރަޕްގައި ގަދަވުމާއި އެދެގައުމަށްވުރެ އިނގިރޭސި އިގްތިސާދު ބަލިކަށިވަމުން ދިޔުން ހިމެނެއެވެ. އިނގިރޭސިވިލާތަކީ މިހާރު ޔޫރަޕަށް ބެލިނަމަވެސް ތިންވަނަ އިގްތިސާދެވެ. ދުނިޔެއަށް ބަލާއިރު އެއީ ހަތްވަނަ އިގްތިސާދެވެ. ކުރިޔަށް އޮތް ފަސް ވަރަކަށް އަހަރު ތެރޭގައި ބްރަޒީލް، ދެކުނު ކޮރެއާ، ރަޝިއާ، އިންޑޮނީޝިއާ އަދި ތުރުކީ ފަދަ ސިނާއީ ގޮތުން ކުރިއަރަމުން އަންނަ ގައުމުތައް އިނގިރޭސިވިލާތަށް ވުރެ އިގްތިސާދީ ގޮތުން ކުރިޔަށް ޖެހިލާނެކަމަށް އިގްތިސާދީ ލަފާކުރުންތައް ބުނެއެވެ.
އިންޑިއާވަނީ 2018 ވަނަ އަހަރު އިގްތިސާދުގެ މައްޗަށް ކުރި ހޯދައި ދުނިޔޭގެ ހަ ވަނަ އިގްތިސާދުގެ މަގާމު ހޯދާފައެވެ. އިނގިރޭސިވިލާތުގެ ސިނާއަތު ފާއިތުވި 30 އަހަރު ތެރޭގައިވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިހާރު އިނގިރޭސި އިގްތިސާދު ހިފަހައްޓާ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނެނީ ދުނިޔޭގެ މާލީ ހަބެއްގެ ގޮތުގައި ލަންޑަން އޮތުމާއި އިނގިރޭސިވިލާތުގެ ސާވިސް ސެކްޓަރުގެ ކާމިޔާބީގެ ސަބަބުންނެވެ. ސިނާއީ އިންގިލާބު ދުނިޔެއަށް ގެނައީ އިނގިރޭސިވިލާތުން ކަމަށްވިތަސް ސިނާއަތާއި އުފެއްދުންތެރިކަމަށް ބަލާއިރު އިނގިރޭސި އިގްތިސާދު މިހާރުވަނީ ވަރަށް ބޮޑަށް ފަހަތަށް ސޮއްސާލާފައެވެ.
އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމާއެކު އެއްފަރާތުން އަނެއް ފަރާތަށް ދައްކަންޖެހޭ ބިލްތައް އެތަށް ސަތޭކަ ބިލިޔަން ޑޮލަރަށް އަރާކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)