31 Jan 2020, 20:47
އެމްޑީޕީ ޕްރައިމަރީގައި ވޯޓުލުމުގެ ވަގުތު އިތުރުކޮށްފި އެވެ.
އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން އޮތީ މިރޭ 7:00 އަށް ނިމޭގޮތަށެވެ. ނަމަވެސް މިހާރު ވަނީ ވޯޓުލުމުގެ ވަގުތު މިރޭ 9:30 އަށް އިތުރުކޮށްފައެވެ.
އެމްޑީޕީން ޕްރައިމަރީގެ ވޯޓުލުން އިތުރުކޮށްފައިވާއިރު، ގއ. އަތޮޅުގެ ނުވަ ރަށުގެ ޕްރައިމަރީ މިހާރު ބާތިލްކޮށްފައެވެ. އަދި ފަހުންގެ ތާރީހެއްގައި އެ ޕްރައިމަރީ ބާއްވާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ނެރޭ ކެންޑިޑޭޓުން ހޮވަމަށް ބާއްވާ ޕްރައިމަރީގައި ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކަށް މުޅި ޖުމްލަ 1،279 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފަ އެވެ. އޭގެ ތެރެއިން އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވުމުން މިހާރު 389 ކެންޑިޑޭޓުންނަށް ޓީކެޓް ވަނީ ކަށަވަރުވެފައެވެ.
ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު މި ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު 90،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ލިބިފައެވެ. އެޕާޓީން ބުނެފައިވާ ގޮތުގައި މި އިންތިހާބުގައި އާންމު މެމްބަރުންގެ 70 ޕަސަންޓް ވޯޓުލާން ނުކުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.