ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަހާ ގުޅިގެން ފަރުކޮޅުފުށީގައި ކަރަންޓީން މަރުކަޒެއް ގައިމްކުރުމަށް ހަމަޖެހިއްޖެ އެވެ.

އެތަން ބަލަހައްޓާ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު "ސަން" އަށް ވިދާޅުވީ، ހެލްތް މިނިސްޓްރީގެ ބޭނުމަކަށް އެތަން މިހާރު އެ މިނިސްޓްރީއަށް ދޫކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ހެލްތު މިނިސްޓްރީގެ ބޭނުމަކަށް އެތަން ދީފައިވާތީ، ހަފްލާތަކަށް އެތަން ދިނުން މިވަގުތަށް މަޑުޖައްސާލާފައިވާ ކަމަށެވެ. އަދި ފަރުކޮޅުފުއްޓަށް ހަމަޖެހިފައިވާ ބުކިންތައް މިހާރު ކެންސަލްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެތަން ހެލްތު މީނިސްޓްރީއަށް ދީފައިވަނީ އެތަނުގައި ކަރަންޓީނު ވަސީލަތް ގައިމުކުރަންތޯ ސުވާލުކުރުމުން އޭނާ އެކަން ދޮގު ނުކުރައްވައެވެ. އެކަމާ ގުޅޭގޮތުން ސުހައިލް ވިދާޅުވީ އެ މައުލޫމަތު ދެއްވާނީ ހެލްތް މިނިސްޓްރީ އާއި ކޮރޯނާ ވައިރަސްއާ ގުޅިގެން އެކުލަވާލާފައިވާ ޓާސްކް ފޯހުން ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޮރޯނާއަށް ޝައްކު ކުރެެވިގެން އެކަކު ވަނީ ކަރަންޓީން ކޮށްފައެވެ. އޭނާ ކަރަންޓީންކޮށްފައިވަނީ މާލެ ކުރިމަތީގައި ހުންނަށް ކ. ފުނަދޫގައެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ ރާއްޖެ އައި 20 އަހަރުގެ ދިވެހި އެ ޒުވާނާ ޓެސްޓްތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ފުނަދޫގެ އިތުރުން ހުޅުމާލެގައިވެސް ވަނީ ކަރަންޓީނު ފެސިލިޓީ ގައިމްކޮށްފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 9،000 ވުރެ ގިނަ މީހުން ކޮރޯނާއަށް ވަނީ ޕޮޒިޓިވް ވެފައެވެ. މަރުވި މީހުންގެ އަދަދު ވަނީ، 200 އަށް ވަނީ އަރާފައެވެ.