04 Dec 2011, 09:57
ތ. ތިމަރަފުށީ ޒިންމާދާރު ވެރިޔާގެ ސަބަބުން ކައުންސިލުގެ ޚިދުމަތްތައް ހުއްޓުމަކަށް އައިސްފައިވާކަމަށް ބުނެ ކައުންސިލް އިދާރާ ބަންދުކޮށް ކައުންސިލް އިދާރާގެ ހުރިހާ މަސައްކަތެއް ރަށުގެ ބަނދަރު ސަރަހައްދުގައި މިއަދު ފަށައިފިއެވެ.
މިވަގުތު ތިމަރަފުށީ ކައުންސިލު އިދާރާގެ މަސައްކަތްތައް ހިނގަމުންދަނީ އެރަށު ބަނދަރުގެ އުތުރުކޮޅުގައި ހުންނަ "ހަޓް"ގަ އެވެ.
ތިމަރަފުށީ ކައުންސިލްގެ ނާއިބު ރައީސް އިބްރާހިމް ޚަލީލް މިއަދު ވިދާޅުވީ ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދެއްވަން ހުންނަވާ ބޭފުޅަކީ ޒިންމާދާރު ވެރިޔާ ކަމަށްވިޔަސް އެ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަލީ ހުސެއިންފުޅު ރަސްމީގަޑީގައި ކުރައްވާނެ މަސައްކަތެއް ނެތްކަމަށް ވިދާޅުވެ އިދާރީ މުވައްޒަފުން ގެޔަށް ފޮނުވާލައްވައި ކައުންސިލު އިދާރާގެ އެއްވެސް މަސައްކަތެއް ކުރިޔަ ނުދެއްވާ ކަމަށެވެ.
"ކައުންސިލުން ފާސްކޮށް ތަންފީޒު ކުރުމަށް މަސައްކަތްކުރާ ކަންތައް ނުކުރެވި ކައުންސިލް އިދާރާ، ހުއްޓުމަކަށް އައުމާއި ގުޅިގެން ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވައި ފާސްކުރީ އަލީ ހުސެއިން ފުޅާއިއެކު މަސައްކަތް ކުރެވޭފަދަ މާހައުލެއް ގާއިމްކުރަން،" ހަލީލް ވިދާޅުވި އެވެ. "އެކަންކަން ކާމިޔާބުވާ ގޮތް ނުވުމުން، އިދާރާ ބަންދުކޮށް ރަށުގެ ބަނދަރު ސަރަހައްދުގެ އުތުރުކޮޅުގައި ހުރި ހަޓުގައި ކައުންސިލްގެ މަސައްކަތްތައް ފެށުމަށް. އެގޮތުގެ މަތިން މިއަދު އަޅުގަނޑުމެން މަސައްކަތް ފެށީ،"
އޭނާ ވިދާޅުވީ އެ ކައުންސިލްގެ 2012 ވަނަ އަހަރުގެ ބަޖެޓް ނިންމަންޖެހޭ ތާރީޚަށް ނުނިންމުމުގެ ސަބަބުން ބަޖެޓް ހަދާފައިވަނީ އަތޮޅު ތައުލީމީ މަރުކަޒުގެ މުވައްޒަފަކު ލައްވާ ކަމަށެވެ. އަދި ވިދާޅުވީ ކައުންސިލްގެ ހިންގާ ގަވާއިދަކީ ފާސް ކުރުމަށްފަހު ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ފޮނުވަންޖެހޭ އެއްޗަކަށް ވާއިރު އެ ގަވާއިދު އެ އޮތޯރިޓީއަށް ފޮނުވައި ދިނުމަށް އެތައް ފަހަރު އެންގުމުން ވެސް ޒިންމާދާރު ވެރިޔާ އެކަން ކޮށްދެއްވާފައި ނުވާ ކަމަށެވެ.
ޒިންމާދާރު ވެރިޔާގެ މައްސަލަ ސިވިލްސާވިސް ކޮމިޝަނަށް ހުށަހެޅުމުން އެ ކޮމިޝަންގެ މެންބަރު ޑރ. މުހައްމަދު ލަތީފާއި ޑިރެކްޓާ ޖެނެރަލް އަބްދުﷲ ސައީދު އެ އިދާރާއަށް ވަޑައިގެން ޒިންމާދާރު ވެރިޔާގެ ކަންކަން ބެއްލެވި ނަމަވެސް ފިޔަވަޅު އަޅާފައި ނުވާކަމަށް ހަލީލް ވިދާޅުވި އެވެ. އެކަމާ ގުޅިގެން ސިވިލްސާވިސް ކޮމިޝަނަށް ތަކުރާރުކޮށް ސިޓީ ފޮނުވި ކަމަށާއި ނަމަވެސް އެ ސިޓީތަކަށް ޖަވާބު ދެއްވާފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒިންމާދާރު ވެރިޔާ އަލީ ހުސެއިން ފުޅު މިއަދު ވިދާޅުވީ އޭނާއާ ބެހޭގޮތުން ކައުންސިލުން ދައްކާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.
"އެއީ ދޮގު ވާހަކަތަކެއް. އަޅުގަނޑު ކުރަންޖެހޭ ކަމެއް އަޅުގަނޑަށް އޮތޯރިޓީ އޮންނަ މިންވަރަކުން ކުރަންޖެހޭ އެންމެހާ ކަންތައްތައް މިހާ ހިސާބަށް ހުންނާނީ ކޮށްފަ. ތަހުގީގީ ނަރަޒަކުން ބެއްލެވީމަ ކިތާބީ ހެކި ހުންނާނެ،" ހުސެއިން ފުޅު ވިދާޅުވި އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ އެކަމާއި ގުޅިގެން ކޮމިޝަންގެ ވަފުދެއް އެ ރަށަށް ފޮނުވައި ތަހުގީގުކޮށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
"ކޮމިޝަނުން އެރަށަށް ވަފުދެއް ފޮނުވާ އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅިފައި ވަނީ. ސިވިލް ސާވިސް މުވައްޒަފުންނާއި މެދު ގާނޫނީގޮތުން ފިޔަވަޅު އަޅަންޖެހޭ އުސޫލެއް އޮންނާނެ. އެ އުސޫލުގެ ތެރެއިން އެ މުވައްޒަފަކާއި ދޭތެރޭ ފިޔަވަޅު އަޅަމުން ގެންދާނެ. ކައުންސިލުން ގަރާރެއް ފާސް ކުރުމަކީ ކައުންސިލުން ވަކިކަމެއް ކުރަން ނިންމުމަކީ މުވައްޒަފުންނާއި ބެހޭކަންތައް އެގޮތަށް ކޮމިޝަނުން ކުރަންޖެހޭ ކަމެއް ނޫން،" ފަހުމީ ވިދާޅުވިއެވެ.