މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ގއ. ރައްޔިތުން ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުންތަކެއް ހިނގައި އެ ދާއިރާގެ ޕްރައިމަރީ ބާތިލްކޮށް އަލުން ވޯޓުލުން ބާއްވާ ގޮތަށް އެމްޑީޕީއިން ނިންމައިފި އެވެ.

ގއ. އަތޮޅުގެ ނުވަ ރަށުގެ ރައްޔިތުން ވޯޓުލާ ފޮށި ހުރީ ކަލާފާނު ސްކޫލްގަ އެވެ. ގއ.ގެ ޕްރައިމަރީ އަލުން ބާއްވަން ނިންމިކަން އެމްޑީޕީގެ އޮފިޝަލަކު "ސަން"އަށް ކަށަވަރުކޮށްދިނެވެ.

އޮފިޝަލް ސަންއަށް ވިދާޅުވީ، ކެންޑިޑޭޓުންގެ މަންދޫބުންނާ ވާހަކަ ދައްކައިގެން އެންމެން އެއްބަސްވީ ވޯޓު ބާތިލްކޮށް އަލުން ޕްރައިމަރީ ބޭއްވުމަށް ކަމަށެވެ. އެގޮތުން މިހާރު ނިންމާފައިވަނީ ފަހުން ވޯޓުލުން ބޭއްވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަރުކަޒުގައި ހުރި "ސަން"ގެ ނޫސްވެރިޔާ ބުނީ، މައްސަލަ ހޫނުވީ، އެ މަރުކަޒުގެ އިދާރީ މޭޒުގައި ހުރި ކަރުދާސްތަކެއް މީހަކު އައިސް ވީދާލުމާ ގުޅިގެންނެވެ. އޭނާ ބުނީ އެ ހިސާބުން އެ ސަރަހައްދަށް މީހުން އެއްވެ، އަޑުގަދަ ކުރަން ފެށުމުން ވޯޓުލުން މެދުކެނޑުނު ކަމަށެވެ.

އޭނާ ބުނީ، ބައެއް މީހުން އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް ބުނެ އަޑުގަދަ ކުރަމުން ދިޔަ ކަމަށެވެ. އަދި "ވަގު ވޯޓް" އަޅާފައިވާ ކަމުގެ ތުހުމަތުވެސް ކުރަމުންދާ ކަމަށް ބުންޏެވެ.

"އިންތިހާބުން ބަލިވާނެ ކަން އެނގުމުން އެބަޔަކު ބޭނުންވީ ތަން ހޫނުކޮށް ވޯޓުލުން ހުއްޓުވަން،" އެތަނުގައި ހުރި އެމްޑީޕީ މެމްބަރަކު ތުހުމަތު ކުރި ކަމަށް "ސަން"ގެ ނޫސްވެރިޔާ ބުންޏެވެ.

އެތަނުގައި ހުރި ގއ. ގެ ވޯޓްފޮށިތައް ވެސް މިހާރު ވަނީ އެތަނުން ނަގައިގެން ގެންގޮސްފަ އެވެ.

އެމްޑީޕީގެ ޗެއާޕަން ނައިބު މާލީ ހުސައިން ޝަހީމް ވިދާޅުވީ މައްސަލަ ޖެހުނީ ތިން ރަށެއްގެ ވޯޓު ފޮށީގައި ކަމަށެވެ. އަދި މުޅި އަތޮޅުގެ ނަތީޖާ ބާތިލްކުރީ އަތޮޅު ކައުންސިލްގެ ވޯޓުވެސް ހިމެނޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.