31 Jan 2020, 18:05
އެމްޑީޕީގެ ޕްރައިމަރީ މިއަދު ކާމިޔާބު ކުރާ ކެންޑިޑޭޓުންނަކީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރާނެ ކެންޑިޑޭޓުންކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ނެެރޭ ކެންޑިޑޭޓުން ހޮއްވުމަށް ބާއްްވާ އެޕާޓީގެ ޕްރައިމަރީގެ ވޯޓުލުން މިހާރު ކުރިއަށް އެބެދެ އެވެ.
ވޯޓުލުމަށް ދަރުބާރުގެއަށް ވަޑައިގެން، ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެތަށް ހާސް އާންމު މެމްބަރުންނެއް ނިކުމެ ވޯޓުލާ އިންތިހާބުތައް އެމްޑީޕީއިން އަމާން އޮމާންކަމާއެކު ކުރިއަށް ގެންދިޔުމަކީ އެހެން ފަރާތްތަކަށް އޮތް ނަމޫނާއެއް ކަމަށެވެ. އަދި މި ޕްރައިމަރީއަށް އެމްޑީޕީގެ އިންތިޒާމްތައް ވަރަށް ފުރިހަމަކޮށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ޕްރައިމަރީއަށްފަހު އެނގޭނެ ޕާޓީގެ ފަރާތުން ލޯކަލް ކައުންސިލަށް އިންތިހާބު ކުރާ ކެންޑިޑޭޓުން. އަޅުގަނޑުމެންގެ ހިތުގައި އެއްވެސް ޝައްކެއްނެތް، އެ ކެންޑިޑޭޓުންނަކީ [ލޯކަލް ކައުންސިލް އިންތިހާބު] ކާމިޔާބު ކުރާނެ ކެންޑިޑޭޓުން،" އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އެމްޑީޕީ ޕްރައިމަރީގައި ވޯޓުލަނީ: ޕްރައިމަރީ ކާމިޔާބު ކުރާ ކެންޑިޑޭޓުންނަކީ އިންތިހާބު ކާމިޔާބު ކުރާ ކެންޑިޑޭޓުންކަމށް ވިދާޅުވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެމަނިކުފާނު ވިދާޅުވީ، އެ ކެންޑީޑޭޓުން ހޯއްދަވާފައިވާ ތާއީދާއި ޕްރައިމަރީއަށް ތައްޔާރުވުމާ އަދި ޕާޓީ މުޅި އިންތިހާބަށް ތައްޔާރުވާ މިންވަރާމެދު ހިތްހަމަޖެހިވައިގެން ހުންނެވި ކަމަށެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި އިންތިހާބު މާ ބޮޑުތަނުން ކާމިޔާބުކުރާނެ ކަމުގެ އެންމެ ބޮޑު އަސާސީ ދަލީލަކީ މިއަދު ތިބޭފުުޅުންނަށް ތި ފެނިވަޑައިގަންނަވާ މަންޒަރު،" އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުމަށް ރިއާޔަތްކޮށް ރައީސް ނަޝިދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، ލޯކަލް ކައުންސިލަށް ތައްޔާރުވުމަށް އެޕާޓީގެ މެމްބަރުނާއެކު ދާދި ފަހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވި ވޯކްޝޮޕްތަކުން ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
"އެ ވޯކްޝޮޕްތަކުން އަޅުގަނޑުމެންނަށް ފާހަގަވެފައި އެބަހުރި އެކި އެކި ރަށްރަށުގައި ޕާޓީގެ ފަރާތުން ވާނެ ވައުދުތަކާއި ގެންގުޅޭނެ ސިޔާސަތުތައް ވެސް. މިހާރު ޕާޓީން ވަނީ އެ ސިޔާސަތުތަކާ ގުޅޭ މަޝްރޫއުތައް އެކުލަވާލާފައި. އެމަޝްރޫއުތައް ވަނީ ކައުންސިލްތަކުން ހިންގާ މަޝްރޫއުތަކަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުމުގެ ތެރެއިން މަޖިލިސް ރައީސް، ރައީސް ނަޝީދާއި މަޖިލިސް ނައިބު ރައީސް އީވާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާތަކާއެކު އެ ގާނޫނު ފުރިހަމަ އަށް ހިންގަން ފެށުމުން ރާއްޖޭގެ ރައްވެހިކަމަށް ވަރަށް އުޖާލާ ފަތިހެއް އަންނާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް ކައުންސިލްތައް މިފަހަރު ބޮޑެތި ބާރުތަކެއް ދިނުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ކައުންސިލްގެ ދައުރު ދިގުކޮށް، މާލީ ބާރުވެރިކަމާއި އަމިއްލަ އަށް މަޝްރޫއުތައް ހިންގުމުގެ ބާރުވެސް އެ ގާނޫނުގެ ދަށުން ކައުންސިލްތައްކަށް ވަނީ ދީފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން މިއަދު ކުރިއަށް ދާއިރު، 90،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މި އިންތިހާބުގައި 93 ރަށެއްގައި ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ.