31 Jan 2020, 17:11
ޗައިނާގައި ތިބެން ބޭނުންވާ ދިވެހިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށް އެގަމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮން ވިދާޅުވެއްޖެ އެވެ.
ޗައިނާގައި 69 ދިވެހިން ދިރިއުޅެމުން އަންނަ އިރު، ނުރައްކާތެރި ކޮރޯނާ ވައިރަސް ފެނުނު، މިހާރު ބަންދުކޮށްފައިވާ ވޫހާން ސިޓީގައި ނުވަ ދިވެހިިން އެބަ ތިއްބެވެ. އެގައުމުގައި ތިބި ދިވެހިންގެ ތެރެއިން އަންނަ ބޭނުންވާ ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.
ޗައިނާ ސަފީރު މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާގެ ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މިއަދު އެ ގައުމުގައި ހުންނަ ދިވެހި ސަފީރު އަޒީމާއާ ވާހަކަ ދެއްކެވި ކަމަށާއި ހުރިހާ ދިވެހިންވެސް މިވަގުތު ތިބީ ރައްކާތެރިކަމުގެ ހާލަތުގައި ކަމަށެވެ.
"ޗައިނާގައި މަޑު ކުރަން ބޭނުންވާ ކޮންމެ ދިވެއްސަކަށްވެސް އަހަރުމެން ރައްކާތެރިކަން ދޭނަން،" ޗައިނާ ސަފީރު ވިދާޅުވި އެވެ.
ޗައިނާ ސަފިރު ވިދާޅުވީ، އެގައުމުގައި ތިބި އެހެން ގައުމުތަކުގެ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެގައުމުގެ ސަރުކާރުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ސަރުކާރުން މިހާރު ވަނީ ޗައިނާގެ ފަސް ސިޓީއެއްގައި ތިބި ދިވެހިން ރާއްޖެ އައުމުގެ ހަރަދުތައް ސަރުކާރުން ކޮށްދޭ ގޮތަށް ނިންމައިފަ އެވެ. އަދި ވައިރަސްއާ ގުޅިގެން މިހާރު ބަންދުކޮށްފައިވާ ވޫހާންގައި ތިބި ދިވެހިންވެސް ގެނައުމަށް އެހެން ގައުމަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އިއްޔެ ސަރުކާރުން ވަނީ ބުނެފަ އެވެ.
އެގޮތުން ވޫހާންގައި ތިބި ނުވަ ދިވެހިންގެ ތެރެެއިން ހަތް ދިވެއްސަކު އަންނަން ބޭނުންވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފަ އެވެ. އެންމެންވެސް ގެންނާނީ ، އެ މީހުން ގެންދާ ގައުމުގެ އުސޫލުތަކާ އެއްގޮތަށް ކަރަންޓީނުގެ މުއްދަތު ނިމުމުން ކަމަށް ވެސް ހެލްޓް މިނިސްޓްރީން ބުނެ އެވެ.