31 Jan 2020, 16:33
ރާއްޖޭގެ ހަބަރުތައް އިނގިރޭސީ ބަހުން ގެނެސްދޭ އަދި ދުނިޔެއަށް ރާއްޖޭގެ ހަބަރުތައް ފެތުރުމުގައި މުހިންމު ދައުރެއް އަދާކުރާ ނޫސް، "މޯލްޑިވްސް އިންޑިޕެންޑެންޓް" ނެރުން ހުއްޓާލައިފި އެވެ.
ކުރިން "މިނިވަން ނޫހު"ގެ ގޮތުގައި ހިންގަމުން އައިސް، ފަހުން 2014 ވަނަ އަހަރު އޮންލައިން ނޫހެއްގެ ގޮތުގައި ނެރެން ފެށި "މޯލްޑިވްސް އިންޑިޕެންޑެންޓް" ހުއްޓާލިކަން އެތަނުން އިއުލާން ކުރީ މިއަދު ނެރުނު ކުރު ބަޔާނެއްގަ އެވެ.
"މިވަގުތަށް އަލްވަދާއު" ކިޔަނީ ކަމަށް ބުނެ އެ ނޫހުން ނެރުނު ނޫސް ބަޔާނުގައި ބުނީ، މިއަދުން ފެށިގެން މިވަގުތަށް އެ ނޫސް ނެރުން ހުއްޓާލާފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެ ނިންމުން ނިންމި ސަބަބެއް އެ ނޫހުން ހާމަކޮށްފައެއް ނުވެ އެވެ.
އެ ބަޔާނުގައި އަދި ބުނެފައި ވަނީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ މުހިންމު ދައުރެއް އެ ނޫހުން އަދާކޮށްފައި ވާނެ ކަމަށެވެ. ބަޔާން ނިންމާލަމުން މޯލްޑިވްސް އިންޑިޕެންޑެންޓުން ވަނީ އެ ނޫހުގެ ކިޔުންތެރިންނާއި، އެ ނޫހުގައި މަސައްކަތްކުރި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ނޫސްވެރިންނަށް ޝުކުރު އަދާކޮށްފަ އެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓް މިއަދު ހުއްޓާލި އިރު، އެ ނޫސް ގަވައިދުން އަޕްޑޭޓު ނުކުރާތާ ވަނީ ދުވަސްތަކެއްވެފަ އެވެ.
މީގެ އިތުރުން، "މިނިވަން ރޭޑިއޯ"ގެ ބްރޮޑްކާސްޓުވެސް އިއްޔެ ވަނީ ހުއްޓިފަ އެވެ.
އެނގިފައިވާ ގޮތުގައި އެތަނުގެ ބްރޮޑްކާސްޓް ހުއްޓުނީ އެތަނުގެ ޓްރާންސްމީޓަރަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.
މީގެ އިތުރުން އެ ރޭޑިއޯގައި މަސައްކަތް ކުރާ އައިޝަތު އާނިޔާ އިއްޔެ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައި ވަނީ އެ ރޭޑިއޯ ހިންގަމުން ގެންދިޔަ އިމާރާތް ދެ ހަފްތާއެއްގެ ތެރޭ ހުސްކުރުމަށް އިމާރާތުގެ ވެރިފަރާތުން ކުއްލިއަކަށް ނޯޓިސް ފޮނުވާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ރޭޑިއޯ ދެން ކުރިއަށް ގެންދެވިދާނެ ކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށް ވެސް އާނިޔާ ވަނީ ވިދާޅުވެފަ އެވެ.
މިނިވަން ރޭޑިއޯ ހިންގަނީ ކޮންޓްރާސްޓް ޕްރައިވެޓް ލިމިޓެޑްއިންނެވެ. އާނިޔާ ވިދާޅުވެފައި ވަނީ އެ މައްސަލަތައް ހައްލު ކުރަން އެ ކުންފުންޏާ މިހާރު ވާހަކަ ދައްކަމުން ދާ ކަމަށެވެ.